ކ. ދިއްފުށިން ފަތުރުވެރިކަމުގެ ބޭނުމަށް 4 ބިމެއް ދޫކުރުމަށް ދިއްފުށީ ކައުންސިލުން ނިންމައިފިއެވެ.
މި ބިންތައް ދޫކުރަނީ ދިއްފުށީގައި ފަތުރުވެރިކަމުގެ ޒޯންގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުން 50 އަހަރުގެ މުއްދަތަށެވެ.
ދިއްފުށީ ކައުންސިލުން މަޢުލޫމާތު ދެއްވިގޮތުގައި، މި ބިންތައް ދޫކުރުމުގެ މައިގަނޑު މަޤްޞަދަކީ އެރަށުގައި ރަށު ފަތުރުވެރިކަމާއި އިޤްތިޞާދު ކުރިއެރުވުމެވެ.
މި މަޝްރޫޢުގެ ސަބަބުން ދެމެހެއްޓެނިވި ފަތުރުވެރިކަން ތަރައްޤީކޮށް، ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދީ، ތިމާވެއްޓާ ރައްޓެހި ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ދިއްފުށި އިތުރަށް ފުޅާވެގެންދާނެ ކަމަށް ކައުންސިލުން ވިދާޅުވިއެވެ.
މި ބިންތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކަށެވެ.
ބީލަމަށް ރަޖިސްޓްރީ ކުރެވޭނީ 07 އޮގަސްޓް 2025 އިން 14 އޮގަސްޓް 2025 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 9:30 އިން 12:45 އާ ދެމެދުއެވެ.
ބީލަން ފޮތުގެ އަގަކީ 25,000 ރުފިޔާއެވެ. ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 21 އޮގަސްޓް 2025 ވަނަ ދުވަހުގެ 13:00 ގައި ދިއްފުށީ ކައުންސިލް އިދާރާގައެވެ. ބީލަމަށް ރަޖިސްޓްރީ ކުރެވޭނީ ކަނޑައެޅިފައިވާ ފޯމާއެކު ބޭނުންވާ ލިޔެކިޔުންތައް ހުށަހަޅައިގެން ނުވަތަ މެއިލް މެދުވެރިކޮށެވެ.
ދިއްފުއްޓަކީ މިހާރުވެސް ރަށު ފަތުރުވެރިކަން ކުރިއަރަމުން އަންނަ، އަދި ގިނަ ދިވެހިން ޗުއްޓީ ހޭދަކުރުމަށް އިޚްތިޔާރުކުރާ މަޤްބޫލު ރަށެކެވެ.



