މިއަހަރުގެ ފުރަތަމަ 7 މަސް ދުވަހުގެ ތެރޭގައި ދަޢުލަތުން ކޮށްފައިވާ ޚަރަދުތަކަށްވުރެ ލިބިފައިވާ އާމްދަނީ އިތުރުވެފައިވާ ކަމަށްފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މިނިސްޓްރީން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައިވާ ގޮތުން، މިއަހަރުގެ ފުރަތަމަ 28 ހަފްތާގެ ތެރޭގައި އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދަޢުލަތަށް 22.2 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 2.7 އިންސައްތަ އިތުރު އަދަދެކެވެ.
އާމްދަނީގެ ތަފްސީލު
ދަޢުލަތަށް ލިބުނު އާމްދަނީގެ ތެރޭގައި ޓެކްސްގެ ގޮތުގައި 17.1 ބިލިޔަން ރުފިޔާ އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 4.8 ބިލިޔަން ރުފިޔާ ހިމެނެއެވެ. މި މުއްދަތުގައި ދަޢުލަތުގެ ބަޖެޓުން 21.9 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 17.4 އިންސައްތަ ދަށް އަދަދެކެވެ.
ޚަރަދުތަކުގެ ތަފްސީލު
ރިކަރަންޓް ޚަރަދުގެ 56.2 އިންސައްތަ ދަޢުލަތުގެ އޮފީސްތަކުގެ އިދާރީ ހިންގުމަށް ހޭދަކޮށްފައިވެއެވެ. ކެޕިޓަލް ޚަރަދުގެ ގޮތުގައި 2.7 ބިލިޔަން ރުފިޔާ ހޭދަކޮށްފައިވާއިރު، އޭގެ ތެރެއިން 2.3 ބިލިޔަން ރުފިޔާ ވަނީ އިންފްރާސްޓްރަކްޗަރ އެސެޓްތަކަށް ޚަރަދުކޮށްފައެވެ.
މި މުއްދަތުގައި ދަޢުލަތުގެ ބަޖެޓުގެ އޯވަރޯލް ބެލެންސް ވަނީ 314.3 މިލިޔަން ރުފިޔާގެ ސަރޕްލަސްއެއްގައި ދެމެހެއްޓިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި 6.4 ބިލިޔަން ރުފިޔާގެ ޑެފިސިޓެއް ރެކޯޑުކުރެވިފައިވާއިރު، ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ.



