މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ކ. މާފުށީގައި ހަދަން ނިންމާފައިވާ ހޮޓެލް އަޅައިދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފިއެވެ.
މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހައްޖު ކޯޕަރޭޝަނާއި މާފުށީ ކައުންސިލާ ގުޅިގެން އުފައްދާފައިވާ މާފުށި އިސްލާމިކް ޓުއަރިޒަމް ޕްރައިވެޓް ލިމިޓެޑްގެ ދަށުންނެވެ.
މި މަޝްރޫޢުގެ ދަށުން ހޮޓެލް އިމާރާތެއްގެ އިތުރުން ސާވިސް އިމާރާތެއް ވެސް އެޅުމަށް ވަނީ ހަމަޖެހިފައެވެ. މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުންނެވެ.
ހޮޓެލް އަޅަން ޝައުގުވެރިވާ ކުންފުނިތަކުން ހައްޖު ކޯޕަރޭޝަނުގައި އޯގަސްޓު 13، ގެ ކުރިން ރަޖިސްޓްރީ ކުރަންޖެހެ އެވެ. ރަޖިސްޓްރީ ކުރެވޭނީ 30،000 ރުފިޔާ ނުވަތަ 2000 އެމެރިކާ ޑޮލަރު ދެއްކުމުންނެވެ.
އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުން، މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން ބިޑު ސެކިއުރިޓީގެ ގޮތުގައި 800,000 ރުފިޔާ ބަހައްޓަންޖެހޭނެއެވެ.
ހައްޖު ކޯޕަރޭޝަނުން މި މަޝްރޫޢު ކުރިއަށް ގެންދަނީ ހަލާލް ޓޫރިޒަމް ތަޢާރަފުކުރުމުގެ މަޤްޞަދުގައެވެ. މީގެ އިތުރުން، ކުންފުނިން ވަނީ ހުޅުމާލޭގައި ލަގްޒަރީ އެޕާޓްމަންޓް އަޅައިގެން ވިއްކުމުގެ މަޝްރޫޢެއް ވެސް ކުރިއަށް ގެންދިއުމަށް ނިންމާފައެވެ.



