އެމްއެންޑީއެފް ކޯސްޓްގާޑު 13ވަނަ ބޭސިކް ޑައވިންގ ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
ކޯސް ނިންމުމުގެ ގޮތުން މިއަދު ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ކޯހުން ވަނަތައް ހާސިލުކުރި ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.
އަދި، ކޯހުން ފާސްވި ދަރިވަރުންނަށް ޑައިވަރސް ބެޖާއި ލިޔުން ހަވާލުކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘެވެ. ކޯހުގެ އިންސްޓްރަކްޓަރުންނަށް އެކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ކޯސްޓްގާޑުގެ ޕްރިންސިޕަލް ޑައިރެކްޓަރ، ކާނަލް މުޙައްމަދު ރިޒްމީ ވަލީދެވެ.
ޅ.މާފިލާފުށީގައި ހުންނަ އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރެއިނިންގ ސެންޓަރުގައި 2025 މޭ 7ވަނަ ދުވަހުން ފެށިގެން 2025 އޮގަސްޓު 7ވަނަ ދުވަހުގެ ނިޔަލަށް ހިންގި މި ކޯހުގައި 16 ދަރިވަރުން ބައިވެރިވިއެވެ.

އޭގެ ތެރޭގައި ރާއްޖެއިން ބޭރުގެ 7 ސިފައިން ބައިވެރިވި އިރު، އޭގެ ތެރޭގައި ސްރީލަންކާ އަސްކަރިއްޔާގެ 3 ސިފައިންގެ އިތުރުން، އިންޑިއާ، ނޭޕާލް، ބަންގްލަދޭޝް، އަދި މެލޭޝިއާގެ އަސްކަރިއްޔާއަށް ނިސްބަތްވާ 4 ސިފައިން މި ކޯހުގައި ތަމްރީނު ފުރިހަމަކޮށްފައިވެއެވެ.
ކޯހުގައި ދަރިވަރުންނަށް އުނގަންނައިދެވުނު ބައިތަކުގެ ތެރޭގައި، ޑައިވިންގ ހިސްޓްރީ އެންޑް ރެގިއުލޭޝަން، ފިޒިކަލް އެޑިޔުކޭޝަން، ފިޒިކްސް އެންޑް ފިޒިއޮލޮޖީ އޮފް ޑައިވިންގ، ޑައިވިންގ އިކްއިޕްމެންޓްސް އެންޑް އެސަސަރީސް، ޑައިވިންގ ޓޭބަލް އެންޑް ކޮމްޕިއުޓަރޒް، ޑައިވިންގ ފަސްޓްއެއިޑް، ޑައިވިންގ ސްކިލް، ޑައިވިންގ އޮޕަރޭޝަން، ވެސަލް ރެސްކިޔު އެންޑް ސެލްވޭޖް، ޑައިވިންގ ކޮމިއުނިކޭޝަން، ޑައިވިންގ ސަރޗް ޕެޓާންސް އަދި ދަރިވަރުންގެ އެޓިޓިއުޑް ހިމެނެއެވެ.
ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހަކީ ސިފައިންގެ އަސާސީ ތަމްރީނު ފުރިހަމަކުރުމަށް ފަހު އެމްއެންޑީއެފްގެ ޚިދުމަތާ އަލަށް ގުޅޭ ސިފައިންނާއި އެމްއެންޑީއެފްގައި ވަޒީފާ އަދާކުރަމުންދާ ސިފައިންގެ ތެރެއިން ޑައިވިންގެ މަސައްކަތަށް ޚާއްޞަ އަސާސީ ތަމްރީނެއް ލިބިފައި ނުވާ ސިފައިންނަށް އަމާޒުކޮށްގެން ޑައިވިންގެ އަސާސީ ޢިލްމާއި ހުނަރު ދަސްކޮށްދިނުމަށް ކުރިއަށްގެންދާ ކޯހެކެވެ.
މިގޮތުން މި ކޯސް ފުރިހަމަކުރާ ފަރާތްތަކަކީ، ކަނޑުގައި ދިމާވެދާނެ ކޮންމެ ޙާލަތެއްގައި ހުނަރުވެރިކަމާ އެކު ޑައިވަރެއްގެ މަސްޢޫލިއްޔަތު އަދާކުރުމުގައި ފަސްނުޖެހި ކުރިމަތިލާން ކެރޭ، ޖިސްމާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ބަޔަކަށް ވެގެންދާނެއެވެ.




