އިސްރާއީލުން ޣައްޒާ ސިޓީގެ އަސްކަރީ ކޮންޓްރޯލް ނެގުމަށް ރާވަމުންދާތީ، އެކަން އެގޮތަށް ނުކުރުމަށް ގޮވާލައި އޮސްޓްރޭލިއާއިންވެސް ވަރުގަދަ އިންޒާރެއް ދީފިއެވެ.
އޮސްޓްރޭލިއާގެ ޚާރިޖީ ވަޒީރު ޕެނީ ވޮން ވިދާޅުވީ، އިސްރާއީލުން އެގޮތަށް އަމަލުކޮށްފިނަމަ، ޣައްޒާގައި މިހާރުވެސް ހިނގަމުންދާ އިންސާނީ ކާރިސާ އިތުރަށް ގޯސްވެގެންދާނެ ކަމަށެވެ.
އޮސްޓްރޭލިއާގެ ޚާރިޖީ ވަޒީރު މިއަދު ނެރުއްވި ބަޔާނުގައި ވިދާޅުވީ މަޖުބޫރުކޮށްގެން މީހުން ދިރިއުޅޭ ރަށަކުން ބޭލުމަކީ ބައިނަލްއަގުވާމީ ގާނޫނާ ހިލާފު ކަމެއް ކަމަށެވެ.
އަދި ހަނގުރާމަ ހުއްޓާލުމަށާއި، ހުރަހެއްނެތި އިންސާނީ އެހީ ފޯރުކޮށްދިނުމަށާއި، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ހަމާސް ޖަމާއަތުން ހިފެހެއްޓި ރަހީނުން ދޫކޮށްލުމަށްވެސް އޭނާ ވަނީ އަނެއްކާވެސް ގޮވާލައްވާފައެވެ.
ޚާރިޖީ ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދެ ދައުލަތުގެ ހައްލަކީ ދެމިގެންދާ އަމާންކަމެއް ގާއިމުކުރުމަށް އޮތް ހަމައެކަނި މަގެވެ. މިގޮތުން، ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ ބޯޑަރުތަކުގެ ތެރޭގައި، ފަލަސްތީނު ދައުލަތަކާއި އިސްރާއީލު ދައުލަތެއް އަމާންކަމާއެކު ދިރިއުޅެވޭނެ ގޮތް ހަދަން ޖެހޭނެއެވެ.
މި މައްސަލައާ ގުޅޭގޮތުން އޮސްޓްރޭލިއާގެ ތިމާވެށި ވަޒީރު މަރީ ވޯޓްވެސް ވަނީ ފާޑުކިޔުންތައް އަމާޒުކުރައްވާފައެވެ. އޭނާ ވަނީ ޣައްޒާ ގަދަކަމުން ހިފުމަށް ވަރުގަދައަށް އިންކާރުކުރައްވާފައެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޣައްޒާ ސިޓީގެ އަސްކަރީ ކޮންޓްރޯލް އިސްރާއީލުން ނެގުމަށް ގަސްތުކުރާ ކަމަށް ވިދާޅުވެފައެވެ. އަދި މިއަދު ބޭއްވުނު ސެކިއުރިޓީ ކެބިނެޓްގެ ބައްދަލުވުމަކަށްފަހު، ނަތަންޔާހޫގެ އޮފީހުން ވަނީ ޣައްޒާ ސިޓީ ހިފުމުގެ ޕްލޭނަށް ހުއްދަ ދީފައިވާކަން ކަށަވަރުކޮށްދީފައެވެ.



