ތުރުކީން ރާއްޖެ އަށް ހަދިޔާކުރި މަނަވަރު ކަމިޝަން ކުރަން ހާއްސަ ރަސްމިއްޔާތެއް ބާއްވަން ނިންމައިފި އެވެ.
ތުރުކީން ހަދިޔާކުރީ މިސައިލް ފޮނުވުމުގެ ގާބިލުކަން ލިބިފައިވާ ޓީސީޖީ ވޮލްކަން (ޕީ-343) މަނަވަރެކެވެ. މި މަނަވަރު މިހާރު އޮތީ މާލެ ސަރަހައްދުގަ އެވެ.
އެމްއެންޑީއެފުން އެކްސްގައި ކުރި ޕޯސްޓެއްގައި މިއަދު ބުނީ، މިހާރު ރާއްޖެ ގެނެސްފައިވާ މަނަވަރު އެމްއެންޑީއެފާ ރަސްމީކޮށް ހަވާލުކުރުމާއި، ޚިދުމަތަށް ނެރެ، ޤައުމީ ދިފާޢީ ބާރަށް ކަމިޝަން ކުރުމަށް ބާއްވާ ރަސްމިއްޔާތު ބޭއްވުމަށް ވާން ޖެހޭ ތައްޔާރީތައް ދެ ޤައުމުގެ މެދުގައި ކުރިއަށްދާ ކަމަށެވެ.
ޑިފެންސް މިނިސްޓްރީން ބުނީ، ތުރުކީން ރާއްޖެއަށް ހަދިޔާ ކުރާ މަނަވަރު ލިބުމަކީ ދިވެހި ކަނޑު ބެލެހެއްޓުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ބުނެފަ އެވެ.
އަދި އެ މަނަވަރު އޮޕަރޭޓު ކުރުމަށް ބޭނުންވާ ތަމްރީނު ދިވެހި ސިފައިންނަށް ދީފައިވާ ކަމަށެވެ.




