ބޭންކް އޮފް މޯލްޑިވްސް އާއި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ (ނެޝަނަލް ސެންޓަރ ފޯ އިންފޯރމޭޝަން ޓެކްނޮލޮޖީ- އެންސީއައިޓީ) އަދި މާސްޓަރކާޑް ގުޅިގެން ސްޓްރެޓީޖިކް އެސްބަސްވުމެއްގެ ދަށުން، ’މޯލްޑިވްސް ޑިޖިޓަލް ޕާޓްނަރޝިޕް ޕްރޮގްރާމް‘ ގެ ނަމުގައި ޚާއްސަ ޕްރޮގްރާމެއް އިފްތިތާހުފިއެވެ.
މިއީ ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ޕްރޮގްރާމް އިތުރަށް ހަލުވިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
ފަސް އަހަރު ދުވަހުގެ މުއްދަތަށް ހިންގުމަށް ރާވާފައިވާ މި ސްޓްރެޓެޖިކް ޕްރޮގްރާމްގެ މަގްސަދަކީ، ދިވެހި ސަރުކާރުގެ ޑިޖިޓަލް ޚިދުމަތްތަކަށް ފަހި ރާއްޖެ އަށް ބިނާ ކުރުމުގެ ތަސައްވުރަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
އެގޮތުން ޒަމާނީ ޑިޖިޓަލް އިންފްރާސްޓްރަކްޗަރއެއް އެކުލަވާލުމަށް އެހީތެރިވެދިނުމާއި ރައްކާތެރި އަދި ފުރިހަމަ ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދޭ މިންވަރު އިތުރުކުރުން ހިމެނެއެވެ.
މި އެއްބަސްވުމުގެ ދަށުން އެހީތެރިކަން ފޯރުކޮށްދޭނެ މަސައްކަތްތައް:
- އިތުރު ޚިދުމަތްތަކާއެކު ރައްކާތެރިކަން އިތުރަށް ފުރިހަމަކޮށް ޑިޖިޓަލް އައިޑެންޓިޓީ އަދި ޕޭމަންޓް ސިސްޓަމް ޒަމާނީ ކުރުން
- އޭއައި ބޭނުންކޮށްގެން ސައިބަރސެކިއުރިޓީ ވަރުގަދަކުރުން
- ޑިޖިޓަލް ޕޭމަންޓްގެ ނިޒާމު އިތުރަށް ފުޅާކޮށް، ސަރުކާރުންދޭ ޚިދުމަތްތަކާއި މުހިންމު އެހެން ދާއިރާތަކުގެ ޚިދުމަތްތައް ޑިޖިޓަލައިޒްކުރުން
- ދަތުރުފަތުރުގެ ނިޒާމުގައި ބޭނުންކުރާ ޕޭމަންޓް ސިސްޓަމް މިހާރަށް ވުރެ ފަސޭހަކޮށް ޒަމާނީ ކުރުން
- ފަތުރުވެރިކަމުގެ ސިނާޢަތާއި އިގްތިސާދީ ކުރިއެރުމަށް މަގުފަހިކުރާ އެހެނިހެން ދާއިރާތަކަށް، އަމަލީ ގޮތުން މަސައްކަތްކުރެވޭނެ މައުލޫމާތު އުފެއްދުމަށް ޑޭޓާ އެނަލިޓިކްސް ބޭނުންކުރުން
މި އެއްބަސްވުމަކީ ރާއްޖޭގައި ހަރުދަނާ އިންކްލޫސިވް އަދި ކުރިމަގަށް ފަހި ޑިޖިޓަލް އިގްތިސާދެއް ބިނާކުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެއްވެސްމެއެވެ.



