ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް އޮސްޓްރޭލިޔާއިން ނިންމައިފިއެވެ.
މި ނިންމުން އިއުލާންކުރައްވަމުން އޮސްޓްރޭލިޔާގެ ބޮޑުވަޒީރު އެންތަނީ އެލްބަނީސް ވިދާޅުވެފައިވަނީ، އަންނަ މަހު އޮންނަ އދ.ގެ އާންމު މަޖިލީހުގެ ބައްދަލުވުމުގައި މިކަން ރަސްމީކޮށް އިއުލާންކުރައްވާނެ ކަމަށެވެ.
އޮސްޓްރޭލިޔާގެ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން މި ނިންމުން ނިންމާފައިވަނީ، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުވެ، އުފައްދާ ސަރުކާރެއްގައި ޙަމާސް ޖަމާޢަތުގެ ދައުރެއް ނޯންނާނެކަމަށް ޕަލަސްޓީނިއަން އޮތޯރިޓީން ދީފައިވާ ޔަޤީންކަމުގެ މައްޗަށް ކަމަށް ބޮޑުވަޒީރު ހާމަކުރެއްވިއެވެ.
އަދި ހަމަ މިއާއެކު، ނިއު ޒީލޭންޑުން ވެސް ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައިގަތުމާމެދު ވިސްނަމުންދާ ކަމަށް އެ ގައުމުގެ ޚާރިޖީ ވަޒީރު ވިންސްޓަން ޕީޓަރސް ވިދާޅުވެފައިވެއެވެ. އެގޮތުން އދ.ގެ އާންމު މަޖިލީހުގެ ބައްދަލުވުމުގެ ކުރިން، އެ ގައުމުގެ ވަޒީރުންގެ މަޖިލީހުން އެކަމާމެދު ރަސްމީކޮށް ގޮތެއް ނިންމާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ފަލަސްޠީނުގެ ޣައްޒާގައި ހިންގަމުންދާ ޤަތުލުއާއްމާ ދެކޮޅަށް މުޅި ދުނިޔެ ތެދުވަމުންދާއިރު، ވިލާތުގެ ޤައުމުތަކުގެ އިއްތިހާދު، އީޔޫގެ ބައެއް ޤައުމުތަކުން ވެސް ދަނީ ވިސްނުން ބަދަލުކޮށް، ފަލަސްޠީނުގެ ދައުލަތް ބަލައިގަންނާނެކަމަށް ބުނަމުންނެވެ. މިގޮތުން،
ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތުން ވެސް ވަނީ އަންނަ ސެޕްޓެމްބަރު މަހު އޮންނަ އދ.ގެ އާންމު މަޖިލީހުގެ ކުރިން ޣައްޒާއަށް ދެމުންދާ އުދުވާނުތައް ނުހުއްޓައިފިނަމަ، ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަންނާނެ ކަމަށް ބުނެފައެވެ.
ޣައްޒާގައި މިހާރު ކުރިމަތިވެފައިވާ ބަނޑުހައިހޫނުކަމުގެ ހާލަތުގެ ސަބަބުން ޔަހޫދީންނަށް ބައިނަލްއަޤްވާމީ ފިއްތުންތައް ކުރިމަތިވަމުންދާއިރު، އެހީދޭ ޖަމުއިއްޔާތަކުން ބުނާ ގޮތުގައި ބަނޑުހައިހޫނުކަމުގެ ސަބަބުން މަރުވަމުންދާ މީހުންގެ އަދަދު ވެސް ބޮޑުތަނުން އިތުރުވެފައިވެއެވެ.
އަދި ޣައްޒާއަށް އެހީގެ ސާމާނު އެތެރެކުރުމަށް ބޭނުންވާ ހުއްދަތައް ނުލިބޭ ކަމަށް ދުނިޔޭގެ ކާބޯތަކެއްޗާބެހޭ ޖަމުއިއްޔާ، ޑަބްލިޔުއެފްޕީން ވަނީ ބުނެފައެވެ.




