ރަށްރަށުގެ ރައްޔިތުން ކުރާ އާންމު ވިޔަފާރިތަކުގެ ތެރެއަށް ކައުންސިލްތަކުން ނުވަނުމަށް ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.
އެމަނިކުފާނު މިހެން އެދިވަޑައިގަތީ ކެންދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވަނީ މީގެ ކުރިން ރަށުގައި މަޝްރޫޢޫތައް ކުރިއަށް ގެންދިއުމަށް ދިމާވި ދަތިތައް ކުރިމަތިނުވާނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެފައެވެ. އެގޮތުން ބައެއް ރަށްރަށުގައި މަޝްރޫޢުތައް ހިންގަން ވަރަށް ފަސޭހައިން ބިން ހަމަޖެހުނުނަމަވެސް، ބައެއް ރަށްރަށުގައި އެކަމުގައި ދަތިތަކެއް ހުންނަކަމަށްވެސް ވިދާޅުވިއެވެ.
“އެކި ރަށްރަށުގައި ތަފާތުކަން އެބަހުރި. އަޅުގަނޑު އުންމީދުކުރަން ރައްޔިތުންނަށް ގުޅުން ހުރިހުރިހާކަމެއް ހުރިހާ ރަށެއްގައިވެސް ފަސޭހައިން ކުރިއަށް ގެންދެވޭނެކަމށް. އެއީ އަޅުގަނޑުގެ އިލްތިމާސެއް މަސައްކަތްކުރިއަށް ގެންދިއުމަށް ފަސޭހަކޮށްދިނުމަށް.” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެމަނިކުފާނު މަސައްކަތްކުރައްވަނީ ރައްޔިތުންގެ އުންމީދުތައް ހާސިލްކޮށްދިނުމަށްކަމަށާއި، އެކަންކަން ކޮށްދިނުމަށް އެމަނިކުފާނު އަބަދުވެސް ހުންނާނީ ރައްޔިތުންނާ އެކުގައިކަމަށެވެ.
ހަގީގީ މާނައިގައި ލާމަރުކަޒީ ނިޒާމެއް ގާއިމުކުރުމަށް އެމަނިކުފާނު ބޭނުންފުޅުވާ ކަމަށާއި، އެކަން ކުރާނެ ގޮތްވެސް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި މަޖުބޫރުކޮށްގެން އެއްވެސް ކައުންސިލެއް މާލެ ގެންގޮސްގެން ބައްދަލެއް ނުކުރާނެ ކަމަށާއި، އެމަނިކުފާނުގެ ސިޔާސަތަކީ ރަށްރަށަށް ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން ވަޑައިގެން ބައްދަލުކުރުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި، ބައެއް ކައުންސިލްތަކުން ބްލޮކް ގްރާންޓާއި އާމްދަނީގެ ގޮތުގައި ލިބޭ ފައިސާ ނުރަނގަޅު ގޮތުގައި ބޭނުންކުރާ ކަމަށެވެ.
”ކޮންމެވެސް ކައުންސިލަކުން މުޅި ކައުންސިލް އެއްކޮށް ބޭރަށް ދަތުރު. ދައުރު ނިމެނިކޮށް ދަތުރު މިކުރަނީ ތަޖުރިބާ ދަތުރުކަމަށް“ ރައީސް ވިދާޅުވިއެވެ.
މިދިޔަ ހަފްތާގައި ސަރުކާރުން ހުށަހެޅި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ވަނީ ފާސްކޮށްފައެވެ. މި އިޞްލާޙުގައި ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ކުރާ ވިޔަފާރީގެ މަސައްކަތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކެއް ކަނޑައަޅާފައިވެއެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުން ދެމި އޮންނާނީ ރައްޔިތުންގެ ފަޅީގައި، ރައްޔިތުން އެދޭ ގޮތަށް ކަމަށެވެ. އަދި ނުޒިންމާދާރު ގޮތެއްގައި ކައުންސިލްތަކުން ފައިސާ ބޭނުންކުރުން ހުއްޓުވައި، ޒިންމާދާރުކުރުވުމަކީ ރައްޔިތުން ބާރުވެރިކުރުވުމަށް މުހިންމު ކަމެއް ކަމަށްވެސް ފާހަގަކުރެއްވިއެވެ.



