ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ބ. އަތޮޅުގައި އެމްޓީސީސީ އާރުޓީއެލް ފެރީގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވައިފިއެވެ.
އާރުޓީއެލް ފެރީގެ ޚިދުމަތް ރައީސް މިއަދު އިފްތިތާޙުކޮށްދެއްވީ އެމަނިކުފާނު ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައެވެ.
މި ހިދުމަތް ޖުލައި 28 ވަނަ ދުވަހު ފަށާފައިވީ ނަމަވެސް ރަސްމީކޮށް މި ހިދުމަތް ފަށާފައި ވަނީ މިއަދެވެ.
މި ދަތުރުފަތުރުގެ ނިޒާމުގެ ދަށުން ޚިދުމަތް ފޯރުކޮށްދިނުމަށް ދެ ލޯންޗް ފެރީ ބޭނުންކުރާނެއެވެ. އަދި މި ޚިދުމަތުގެ ސަބަބުން ރައްޔިތުންނަށް ދަތުރުފަތުރުގެ ދާއިރާއިން ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.

މިއަދަކީ އޭދަފުށީ ރައްޔިތުން ދަތުރުފަތުރާމެދު ދެކެމުން އައި ހުވަފެންތަކުގައި ޙަޤީޤީ ކުލަ ޖެހިގެން އައި ދުވަހެއްކަމުގައި ރައްޔިތުން ވަނީ ފާހަގަކޮށްފައެވެ.
ބ. އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް ފެށުމާއެކު، އެ އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށް ވަނީ ފެރީގެ ނިޒާމުން ގުޅާލެވިފައެވެ. މި ޚިދުމަތުގެ އަގުތައް ދިވެހި ސަރުކާރުގެ ގެޒެޓުގެ އިތުރުން އާރްޓީއެލް މޯބައިލް އެޕްލިކޭޝަން އަދި ވެބް ޕޯޓަލުން ފެންނަން ހުންނާނެއެވެ.
މި ޚިދުމަތާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް އެމްޓީސީސީގެ ހޮޓްލައިން ނަންބަރު 1650 އަށް ގުޅައިގެން ކުރިއަށް ދެވޭނެއެވެ.



