ރުއް އިންދުމަކީ ތިމާވެށީގެ ދެމެހެއްޓެނިވި ތަރައްޤީއަށް ކުރެވޭ އިންވެސްޓްމަންޓެއް ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު، ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭ ފޭސް 2 ގައި ބޭއްވި 60 ރުއް އިނދުމުގެ ހަފްލާގައި ވާހަކަދައްކަމުން މާރިޔާ ވިދާޅުވީ ރުކަކީ ހަމައެކަނި ގަހެއް ނޫންކަމަށާއި، ރުކުގެ ކޮންމެ ބަޔަކީވެސް ވަކި ޚާއްޞަ ބޭނުންތަކަކަށް ބޭނުންކުރެވޭ ބައިތަކެއްއެކުލެވޭ، ދިރިއުޅުމުގެ މައިބަދަ ފަދަ އެއްޗެއް ކަމަށެވެ.
”ދިވެހި ޤައުމާއި ރުއްގަހާ ދެމެދު ވަނީ ބަދަހި ގާތް ގުޅުމެއް އުފެދިފަ. މިއަދުވެސް ރުކަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކޮންމެ ދާއިރާއެއްގައިވެސް އަސާސީ ދައުރެއް އަދާކުރާ ގަހެއް. ކާބޯތަކެތީގެ ނަޒަރުން ބެލިޔަސް، އިޤްތިޞާދީ ނަޒަރަކުން އަދި އަޅުގަނޑުމެންގެ ތިމާވެށީގެ ދާއިރާއިން ބަލާއިރުވެސް ރުކުގެ ދައުރު ނުހަނު ބޮޑުވެފައި ޙައްސާސްކަން ބޮޑު،“މިނިސްޓަރު ވިދާޅުވިއެވެ.
ރުކުގެ މުހިންމުކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ރުކުގެ މޭވާއިން ކާނާއާއި ބުއިން ލިބޭއިރު، އޭގެ ފަނަކީ ބޯހިޔާވަހިކަމަށާއި، ހިފާގެންގުޅޭ ސާމާނު ތައްޔާރުކުރުމަށް ބޭނުންކުރެވޭ އަގުހުރި ޤުދުރަތީ މަޞްދަރެއް ކަމަށެވެ.
އަދި ރުކުގެ ލަކުޑިން ނުވަތަ ނިރޮޅު، ގެދޮރު އިމާރާތްކުރުމާއި ދޯނިފަހަރު ބަނުމަށް ބޭނުން ކުރެވޭ ކަމަށާއި މިއީ އެވާލާ މާޒީ އާއި ދިވެހިންގެ އާދަކާދައާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ބައެއް ކަމަށްވެސް ފާހަގަކުރެއްވިއެވެ.
މިފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވެ، ރުއް އިންދުމުގެ މުހިންމުކަން ދެނެގަނެ، މި މަސައްކަތުގައި އެންމެން ގުޅިގެން ބައިވެރިވުމަށް މިނިސްޓަރު ގޮވާލެއްވިއެވެ. އަދި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވެސް ރުއް އިންދުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް އިލްތިމާސްކުރެއްވިއެވެ.
މިނިސްޓަރު މާރިޔާ ވަނީ މިކަމަކީ ޤައުމީ ވަންތަކަމާއި، އިޤްތިޞާދީ ކުރިއެރުމާއި، ތިމާވެށީގެ ދެމެހެއްޓެނިވި ތަރައްޤީއަށް ކުރެވޭ އިންވެސްޓްމަންޓެއް ކަމަށް ފާހަގަކުރައްވައި، އެންމެން ގުޅިގެން މި މުހިންމު މަސައްކަތުގައި ބައިވެރިވެ، ރާއްޖޭގެ މުސްތަޤުބަލު އާރާސްތުކުރުމަށް މަސައްކަތް ކުރުމަށްވެސް ގޮވާލައްވާފައެވެ.


