ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ބ. އަތޮޅުގެ ތިން ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ދޭން މިއަދު ފަށައިފި އެވެ.
ބީއެމްއެލް އިން ”މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް“ މަޝްރޫއުގެ ދަށުން ބ. ކަމަދޫ، ކުޑަރިކިލު އަދި ކެންދޫގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމް ޚިދުމަތް މިއަދު ވަނީ ތައާރަފްކޮށްފަ އެވެ.
މިރަށްތަކުގައި އޭޓީއެމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ހަފްތާ ތެރޭގައި ބ.ގޮއިދޫ، ފެހެންދޫ، ފުޅަދޫ، ހިތާދޫ، ދޮންފަނު އަދި މާޅޮހުގައި އޭޓީއެމް ޚިދުމަތް ތައާރަފްކޮށް ބ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ފެށިގެންދާނެ ކަމަށް ބީއެމްއެލުން ބުންޏެވެ.
މިކަމާ ގުޅިގެން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ބ. އަތޮޅުގެ އިތުރު ދިހަ ރަށަށް އޭޓީއެމްގެ ޚިދުމަތް ދޭން ފެށުމާއެކު ’ މުޅި ރާއްޖެ އަށް ބީއެމްއެލް އޭޓީއެމް‘ ޕްރޮގްރާމްގެ ދަށުން މިއަހަރު ތެރޭ އަލަށް އޭޓީއެމް ޚިދުމަތް ދޭން ފެށި ރަށްތަކުގެ އަދަދު 47 އަށް އަރާނެ ކަމަށެވެ.
”ޝައްކެތް ނެތް ގޮތުގައި މިއީ މިހާތަނަށް އަޅުގަނޑުމެން ހިންގާ އެންމެ ބޮޑު އެއް ޕްރޮޖެކްޓް، މިއިން ދޭހަކޮށްދެނީ ރައްޔިތުންގެ މާލީ ބައިވެރިވުން އިތުރުކުރުމަށާއި ރަށްރަށުގެ ތަރައްގީއަށް އަޅުގަނޑުމެންދޭ އަހަމިއްޔަތުކަން.“ ސީއީއޯ ވިދާޅުވި އެވެ.“
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 134 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 189 އޭޓީއެމް، އޭޖެންޓު ބޭންކިންގ ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ބީއެމްއެލް އިން ބުނީ، އަބަދުވެސް މަސައްކަތް ކުރަމުންދަނީ އީޖާދީ ބޭންކިންގ ހައްލުތައް ގާއިމުކޮށް މުޖުތަމަޢު ބާރުވެރިކުރުވުމަށް ކަމަށެވެ.



