މޯލްޑިވްސް ޕޮލިސް ސަރވިސްގެ މުވައްޒަފުންގެ މެދުގައި ހަކުރުބައްޔަށް ސްކްރީންކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.
މިއަދު ފެށި މި ޕްރޮގްރާމަކީ ވޯކްފޯސް ހެލްތު އެންޑް ވެލްބީން އާއި ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސް ގުޅިގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
އިސްކަންދަރު ބިލްޑިންގުގައި ބޭއްވުނު ރަސްމިއްޔާތުގައި މި ޕްރޮގްރާމް ފައްޓަވައި ދެއްވީ އެސިސްޓެންޓް ކޮމިޝަނަރު އާޞިމް ޢަބްދުﷲ އެވެ. މި ޕްރޮގްރާމުގެ ދަށުން ފުލުހުންގެ މުވައްޒަފުންގެ ބޮޑީމާސް އިންޑެކްސް ބެލުމާއެކު، ހަކުރު ބައްޔާ ބެހޭ ގޮތުން މުހިންމު މައުލޫމާތުތައް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
ފުލުހުންގެ އިދާރާއިން މައުލޫމާތު ދިންގޮތުގައި، މި ޕްރޮގްރާމުގެ ތެރެއިން މުވައްޒަފުންނަށް ހަކުރުބަލި ޖެހުމުގެ ފުރުސަތު އޮތް މިންވަރު ދެނެގަތުމުގެ އިތުރުން، އެމީހުންގެ ބޮޑީމާސް އިންޑެކްސްގެ ނަތީޖާއާ ބެހޭ ގޮތުން ޑޮކްޓަރުންނާއި އެޑިއުކޭޓަރުންނާ މަޝްވަރާކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި ޕްރޮގްރާމުގައި މައުލޫމާތު ފޯރުކޮށްދެނީ ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސްގެ ފަރާތުންނެވެ.



