މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫގައި އަލަށް ޤާއިމްކޮށްފައިވާ ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމްގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ފަށްޓަވައިދެއްވައިފިއެވެ.
ރައީސް މާޅޮސްމަޑުލު ދެކުނުބުރިއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ގޮއިދޫއަށް ވަޑައިގެން، އެރަށުގައި އޭޓީއެމްގެ ޚިދުމަތް ފަށްޓަވައިދެއްވުމަށްޓަކައި އެމަނިކުފާނު ވަނީ އަމިއްލަފުޅަށް އޭޓީއެމުން ފައިސާ ނަންގަވާފައެވެ. އަދި ހަނދާނީ ބޭންކް ކާޑެއް ރަށު ކައުންސިލުގެ ރައީސް އިބްރާހިމް ޝާހިދާ ހަވާލުކުރައްވާފައިވެއެވެ.
ގޮއިދޫގައި ޤާއިމްކޮށްފައިވާ ސެލްފް ސަރވިސް އޭޓީއެމުން 24 ގަޑިއިރު ތެރޭގައި ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބޭނެކަމަށް ބީއެމްއެލްއިން މަޢުލޫމާތު ދެއެވެ. މީގެ އިތުރުން، ކްރެޑިޓް ކާޑާއި ލޯނަށް ފައިސާ ދެއްކުމުގެ ޚިދުމަތްވެސް މި އޭޓީއެމުން ލިބިގެންދާނެއެވެ.
މިއީ އޭޓީއެމް މަޝްރޫޢުގެ ދަށުން މިޚިދުމަތް ޤާއިމްކުރެވުނު 41 ވަނަ ރަށެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފެށުމަކީ ރައީސް މުޢިއްޒުގެ ވަޢުދެކެވެ. މި ވަޢުދާ އެއްގޮތަށް މި އަހަރުގެ ތެރޭގައި 100 ރަށެއްގައި އަލަށް އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތް ބީއެމްއެލްއިން ވަނީ ފަށާފައެވެ.
ސަރުކާރާއި ބީއެމްއެލްއާ ގުޅިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން މިހާތަނަށް ހއ. އަތޮޅާއި، ށ. އަތޮޅާއި، ދ. އަތޮޅާއި، ނ. އަތޮޅާއި، މ. އަތޮޅު އަދި ކ. އަތޮޅު ހިމެނޭ ގޮތަށް 6 އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ވަނީ ފަށާފައެވެ.
އަދި ގޮއިދޫގައި ޤާއިމުކުރެވުނު އައު އޭޓީއެމްއާއެކު މުޅި ރާއްޖެ ހިމެނޭ ބީއެމްއެލް ބޭންކިންގ ވިއުގައިގައި 250 އަށްވުރެ ގިނަ އޭޓީއެމް ހުންނާނެކަމަށް އެ ބޭންކުން ބުނެފައިވެއެވެ.



