ގޮއިދޫ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ހުރިހާ ވަޢުދެއްވެސް ފުރިހަމައަށް ފުއްދަވައިދެއްވާނޭކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެ ރަށުގެ ރައްޔިތުންނަށް ދެއްވައިފިއެވެ.
އެ މަނިކުފާނު މި ޔަޤީންކަން ދެއްވާފައިވަނީ، މާޅޮސްމަޑުލު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ގޮއިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ރަށުގެ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް މި މަހު ޓެންޑަރކުރައްވައި، މި އަހަރުގެ ތެރޭގައި ޢަމަލީ މަސައްކަތް ފައްޓަވާނެ ކަމަށެވެ. އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އަންނަ އަހަރު ފައްޓަވައިދެއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ސިއްޙީ ދާއިރާއާއި ތަޢުލީމީ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްދެއްވުމަށް ރާއްވަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. މިގޮތުން، ގިނަ ވަޞީލަތްތައް ހިމެނޭ ފުރިހަމަ ހެލްތު ސެންޓަރެއް އެޅުމުގެ މަސައްކަތް މި އަހަރު ފައްޓަވާނެ ކަމަށާއި، ސްކޫލްގެ ޖާގަ އިތުރުކުރުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހި ދާދި އަވަހަށް ނިންމަވައިދެއްވާނެ ކަމަށް ވިދާޅުވިއެވެ.
ކުޅިވަރުގެ ދާއިރާއަށް އަމާޒުކޮށް، ކުރިއަށް އޮތް ދެތިން މަސްދުވަހުގެ ތެރޭގައި ފުލް ސްކޯޕް ފުޓުބޯޅަ ދަނޑެއްގެ މަސައްކަތް ފައްޓަވައި، ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރެއްވެސް މި އަހަރު ތެރޭގައި އިމާރާތްކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ފަތުރުވެރިކަމުގެ ދާއިރާއިން ގޮއިދޫއަށް އިތުރު ކުރިއެރުންތަކެއް ގެނެސްދެއްވުމަށް ރޭއްވެވި ކަންކަމުގެ ތެރޭގައި، އިކޯ ޓޫރިޒަމްގެ މަސައްކަތް މި އަހަރު ތެރޭގައި ފެއްޓެވުމާއި، ގޮއިދޫ ފަޅުގައި ރިޒޯޓެއް ތަރައްޤީކުރުމުގެ ބިޑް އެވޯޑުކުރައްވާފައިވާ ކަމަށާއި، މި މަސް ނިމުމުގެ ކުރިން އެއްބަސްވުމުގައި ސޮއިކުރެއްވޭނެ ކަމަށް ވިދާޅުވިއެވެ.



