އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި އަލްޖަޒީރާގެ ހަތަރު ނޫސްވެރިއަކާއި ދެ ފްރީލާންސް ނޫސްވެރިން ޝަހީދުކޮއްލި މައްސަލަ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އަށް ހުށަހަޅަން ނިންމައިފިއެވެ.
މި މައްސަލަ ހުށަހެޅުމަށް ނިންމާފައިވަނީ ހިންދު ރަޖަބް ފައުންޑޭޝަން (އެޗްއާރްއެފް) އާއި ފަލަސްތީނުގެ ސެންޓާ ފޯ ހިއުމަން ރައިޓްސް (ޕީސީއެޗްއާރް) ގުޅިގެންނެވެ.
މީޑިއާ ރިޕޯޓްތަކުން ހާމަކުރާ ގޮތުގައި، އިސްރާއީލުން މި ހަމަލާ ދީފައިވަނީ ޣައްޒާ ސިޓީގެ އަލް-ޝިފާ ހޮސްޕިޓަލުގެ މައިދޮރާއި ދިމާލުން ބޭރުގައި ޖަހާފައިވާ ޓެންޓަށް އަމާޒުކޮށްގެންނެވެ. މި ހަމަލާގައި އަލްޖަޒީރާގެ ފަސް ނޫސްވެރިންނާއި އިތުރު އެއް ފްރީލާންސް ނޫސްވެރިއަކު ޝަހީދުވެފައިވެއެވެ.
އަލްޖަޒީރާގެ ނޫސްވެރިޔާ އަނަސް އަލް ޝަރީފް ޝަހީދުކޮށްލުމަކީ ގަސްދުގައި ކުރި ކަމެއްކަން އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައިވެއެވެ.
ނިރުބަވެރި އިސްރާއީލުން 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މިހާތަނަށް 220 އަށް ވުރެ ގިނަ ނޫސްވެރިން ވަނީ ޝަހީދުކޮށްލާފައެވެ.
ޕީސީއެޗްއާރްއިން ބުނާ ގޮތުގައި އެންމެ ފަހުން ނޫސްވެރިންނަށް ދިން ހަމަލާއަށް ފަހު، އަލްޖަޒީރާގެ އެހެން ނޫސްވެރިންނަށް އަމާޒުކޮށް ދިން ހަމަލާތަކާއި ސްމިއާ ކެމްޕޭންތައް ހިންގުމަށް ފަހު ޝަހީދުވި ނޫސްވެރިންނާ ގުޅޭ ލިޔުންތައް ވަނީ ފޯރުކޮށްދީފައެވެ.
އައިސީސީއަށް ހުށަހަޅާ މައްސަލައިގައި، އިސްރާއީލުގެ އަސްކަރިއްޔާއިން ހަނގުރާމައިގެ ޖަރީމާތައް ހިންގާފައިވާ ކަމަށް ތުހުމަތުކޮށް، އެ ފަރާތްތައް ހައްޔަރުކުރުމުގެ އަމުރު ނެރުމަށާއި، ޣައްޒާގައި ނޫސްވެރިން ޝަހީދުކުރުމުގެ ހުރިހާ މައްސަލަތަކެއް ފަލަސްތީނުގެ ތަހުގީގުގައި ހިމެނުމަށް ވަނީ ގޮވާލާފައެވެ.




