ސްޕެއިންގައި ޕައިލެޓުކަން ކިޔަވަމުން އަންނަ 127 ދަރިވަރުންގެ ތެރެއިން 52 ދަރިވަރަކަށް ލޯނު އިތުރުކޮށްދީފައިވާ ކަމަށް، ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު މިއަދު ވިދާޅުވެއްޖެއެވެ.
ދިވެހި ސަރުކާރުގެ ލޯނުގެ ދަށުން ސްޕެއިންގެ ބާސެލޯނާގައި ޕައިލެޓުކަން ކިޔަވަމުން އަންނަ ދަރިވަރުންނަށް ދިމާވާ ދަތިތައް ހައްލުކޮށްދިނުމަށް އެދި ދަރިވަރުންގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް މިދިޔަ އޭޕްރިލް މަހުގެ 15 ވަނަ ދުވަހު ޕެޓިޝަނެއް ހުށަހަޅާފައިވެއެވެ.
މި ޕެޓިޝަންގައި ދަރިވަރުން ފާހަގަކޮށްފައިވަނީ ވިސާ ހޯދުމުގައި ދިމާވާ ދަތިތަކާއި، އެކަށީގެންވާ ސްޓައިޕެންޑެއް ނުލިބުމާއި، ކޯހުގެ މުއްދަތު ލޯނު މުއްދަތަށްވުރެ އިތުރުވުން ފަދަ މައްސަލަތަކެވެ.
މިނިސްޓަރު ހައިދަރު ވިދާޅުވިގޮތުގައި، ދަރިވަރުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް ފިނޭންސް މިނިސްޓްރީ އަދި ފޮރިން މިނިސްޓްރީއާ އެކު މަޝްވަރާކޮށް މަސައްކަތްތަކެއް ކުރެވިފައިވެއެވެ.
”ވިސާގެ މައްސަލަ ހައްލުކުރުމަށް ސްޕެއިންގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް، ފޮރިން މިނިސްޓްރީ މެދުވެރިކޮށް އިންޑިއާގެ ނިއު ދިއްލީގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނަށް ދަރިވަރުންގެ މައުލޫމާތު ފޮނުވައިގެން ސްޕެއިން އެމްބަސީއަށް ވިސާއަށް އެދި ހުށަހެޅުމުގެ އިންތިޒާމު ހަމަޖައްސާފައިވާނެ،“ މިނިސްޓަރު ވިދާޅުވިއެވެ.
އަދި ދަރިވަރުންނާ ވަގުތުން މުއާމަލާތުކުރުމަށް ޚާއްސަ ވަޓްސްއެޕް ނަންބަރެއް ޤާއިމުކޮށްފައިވާ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. ނަމަވެސް، މިދިޔަ މަހު ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ފާހަގަކުރެއްވި ގޮތުގައި، ބައެއް ދަރިވަރުންގެ ލޯނަށް ސަރުކާރުން ގަވައިދުން ފައިސާ ޖަމާނުކުރުމުގެ ސަބަބުން، ބައެއް ދަރިވަރުން ކޯހުން ވަކިކުރަން ޖެހިފައިވެއެވެ.
މި މައްސަލައާ ގުޅިގެން މިނިސްޓަރު ހައިދަރު ވަނީ ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ހާޒިރުކޮށް، ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަތަކާ ގުޅޭގޮތުން ސުވާލުކުރެވިފައެވެ.
މިވަގުތު ސްޕެއިންގައި ޕައިލަޓް ލައިސަންސަށް ކިޔަވަމުންދާ ދަރިވަރުންގެ އަދަދަކީ 127، ދެން ސްޕެއިންގަ ޕައިލެޓު ލައިސަންސް ކިޔެވުމަށް ޚަރަދުވޭ ދެ މިލިއަން 65 ހާސް ރުފިޔާ ދަރިވަރުންނަށް ކަމަށް ހައިދަރު ވިދާޅުވިއެވެ.
”އެކަމަކު އަޅުގަނޑުމެން މި އަހަރު ހުޅުވާލި ޓޮޕް އަޕް ލޯން ސްކީމަށް އެ ތަނުން ޕައިލެޓު ލައިސަންސް ކިިޔަވަމުންދާ ދަރިވަރުންގެ ތެރެއިން 72 ކުއްޖަކު އެޕްލައިކުރި އިތުރު ފައިސާ ހޯދަން، ދެން އޭގެ ތެރެއިން 52 ކުއްޖަކު އަޅުގަނޑުމެން ހޮވާފައި ޓޮޕް އަޕް ލޯން ހަމަޖައްސައިދޭން ނިންމައިފައި އޮތީ.“
ހައިދަރު ވިދާޅުވީ ޓޮޕް އަޕް ލޯނަށް ފައިސާ ދޫކުރަނީ ގިނަވެގެން ހަތްލައްކަ ރުފިޔާ ކަމަށާއި މިފަހަރު އެ ލޯނަށް 20 ކުއްޖެއްގެ ޝަރުތު ހަމަނުވާ ކަމަށެވެ.



