ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށައަޅާފައިވާ ޒަކާތާއި ގުޅޭ ޤާނޫނަކީ ރާއްޖޭގެ އިސްލާމީ ތާރީޚުގައި ލިޔެވިގެންދާނެ ހެޔޮ ޞަފްޙާއެއްކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ވިދާޅުވީ، ޒަކާތް ނެގުމާއި ބެހުމުގެ އިދާރީ ނިޒާމު ހަރުދަނާކުރުމަށާއި ޒަކާތު ފަންޑުން ހެޔޮގޮތުގައި ހޭދަކޮށް އަމާނާތްތެރިކަމާއެކު ބެލެހެއްޓުމަށާއި ޒަކާތާ ގުޅޭ ހަރުދަނާ ޒަމާނީ ނިޒާމެއް ޤާނޫނީ ތަރަހައިގެ ތެރެއިން ރާއްޖޭގައި ޤާއިމުކުރުމުގެ މަޤުޞަދުގައި އެކުލަވައިލި ޒަކާތާއި ބެހޭ ބިލު ސަރުކާރުން މަޖިލީހަށް ހުށައަޅާފައިވާކަމަށާއި ޒަކާތުގެ ޤާނޫނު ފާސްވުމުން ރާއްޖޭގެ ޒަކާތުގެ ނިޒާމު ޤާނޫނީ އިމުގެ ތެރެއަށް ވެއްދޭނެކަމަށާއި މިއީ ރާއްޖޭގެ އިސްލާމީ ތާރީޚުގައި ލިޔެވިގެންދާނެ ހެޔޮ ޞަފްޙާއެކަމުގައި ދެކޭކަމަށެވެ.
މިހާރު މަހިލީހަށް ހުށައަޅާފައިވާ ޒަކާތު ބިލް އެކުލަވައިލާފައިވަނީ ބައިނަލްއަޤުވާމީ މިންގަނޑުތަކާ އެއްގޮތަށްކަމަށާއި ދާއިރާގައި ކުރިއަރާފައިވާ އިސްލާމީ ޤައުމުތަށް ނަމޫނާއަކަށް ބަލައިގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެގޮތުން މެލޭޝިޔާއާއި ކުވައިތު ޔޫއޭއީ މިޞްރު ޤައުމުތަކުގައި ވެސް ޒަކާތުގެ ކަންކަން ހިނގަމުންދަނީ ޤާނޫނު ތެރެއިން ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، މި ބިލް ފާސްވެ ޤާނޫނަކަށް ވެގެންދިއުމުން ދަޢުލަތަށް ފަސޭހަވެގެންދާނެކަމަށާއި ޝަރުޢީ ހަމަތަކުގެ މަތިން ޒަކާތު ފަންޑުން އިންވެސްޓްކުރުމަކީ ހުއްދަކަމެއް ކަމަށާއި އެގޮތުގެ މަތިން އިންވެސްޓްކުރުމުން ޒަކާތް ހައްޤުވާ ފަރާތްތަކުގެ އެންމެހައި ކަމެއް ވެސް ހިލޭ ފޯރުކޮށްދެވޭނެކަމަށެވެ.
އަދި އެއާއެކު ޒަކާތު ފަންޑު ޒަމާނާއި ޙާލަތާއި ޙާޖަތާއި އެއްވަރަށް ތަރައްޤީ ވެގެންދާނެކަމަށާއި ރާއްޖެއިން ފަޤީރުކަން ނައްތާލެވި އިޖްތިމާޢީ ތަނަވަސްކަން ގެނެސްދެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ޒަކާތުގެ ޤާނޫނެއް ވުޖޫދުކުރުމަކީ ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރުގައި ހިެމެނޭކަމެއްކަމަށާއި މިކަންކަމަށް ރައީސް ދެއްވަމުން ގެންދަވާ އަހައްމިއްޔަތުތަކަމަށްޓަކައި އެމަނިކުފާނަށް ޝުކުރު އަދާކުރައްވާކަމަށެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ވަރަށް ކުރީކޮޅު ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ނަމުގައި ޒަކާތަށް ޚާއްސަ ވަކި އިދާރާއެއް އުފައްދަވާ ޒަކާތުގެ ކަންކަން އިތުރަށް ހަރުދަނާކޮށް އާއްމުންނަށް ޒަކާތާއި ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް މިހާތަނަށް ކުރެވިފައިވާކަން ފާހަގަކޮށްލެވެއެވެ.
މިކަމުގެ ނަތީޖާއެއްގެ ގޮތުން 2024 ވަނަ އަހަރަކީ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި އެންމެ މަތިން ފައިސާ ލިބިގެންދިޔަ އަހަރުގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.



