މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން މިއަދު ފާހަގަކޮށްފިއެވެ.
މި މަޝްރޫޢުގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތު ބޭއްވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ކިހާދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގެ ތެރޭގައެވެ.
15.6 މިލިޔަން ރުފިޔާގެ މި މަޝްރޫޢު ކުރިއަށް ގެންދިޔައީ އެމްޓީ ހޯގާޑާ ހަވާލުކޮށްގެންނެވެ. މި މަޝްރޫޢުގެ ދަށުން އެރަށުން ގިރާފައިވާ ސަރަޙައްދުގެ ވެލިގަނޑު އިއާދަކުރުމަށް ވެލި އަޅައި، 548 މީޓަރުގެ ބޮޑުހިލައިގެ ތޮއްޓެއް ލާފައިވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ކިހާދޫ ގޮނޑުދޮށް ގިރުމުގެ މައްސަލައަކީ އެރަށު ރައްޔިތުންގެ ޒަމާންވީ ކަންބޮޑުވުމެކެވެ. މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ސަރުކާރުން މި މަޝްރޫޢު އެމްޓީ ހޯގާޑާއި ހަވާލުކޮށްފައިވަނީ 2023 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައެވެ.
ކިހާދޫ ކައުންސިލުން ބުނިގޮތުގައި، އެރަށުގައި ގިރަމުންދިޔައީ ބަނދަރު ހެދުމަށް ނެގި ވެލިތައް އަޅާފައިވާ ސަރަޙައްދެވެ. މި ސަރަހައްދަށް މީގެ ކުރިން ގާތްގަނޑަކަށް 30,000 ކިއުބިކް މީޓަރުގެ ވެލި އަޅާފައިވެއެވެ.
ކައުންސިލުން ބުނީ 600 ފޫޓުގެ ސަރަޙައްދަކަށް މި ވެލި އަޅާފައިވާ ކަމަށާއި އޭގެތެރޭގައި ފުޅާމިނުގައި 10 ފޫޓު އަދި އުސްމިނުގައި 20 ފޫޓަށް ވެލި ހުރި ސަރަޙައްދުތައްވެސް ހުރި ކަމަށެވެ.



