ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ނޭޝަނަލް އާޓް ގެލެރީގައި ކުރިއަށްދާ ”އިހުސާސް“ ކުރެހުމުގެ މައުރަޒު ބައްލަވާލައްވައިފިއެވެ.
އޮގަސްޓް 6 އިން 16 އަށް ކުރިއަށްދާ މި މައުރަޒަކީ ރާއްޖޭގެ ނަންމަޝްހޫރު ފަންނާނު އަބްދުﷲ ފާއިޒްގެ ކުރެހުންތައް ދައްކާލުމަށް ބާއްވާ މައުރަޒެކެވެ.
މި މައުރަޒުގައި 50 ކުރެހުން ވަނީ ދައްކާލާފައެވެ.

ފާއިޒްގެ ކުރެހުންތަކުގައި ފާހަގަކޮށްލެވެނީ ރާއްޖޭގެ އާސާރީ ތަންތަނާއި، އެހާރާއި މިހާރުގެ ދިވެހިންގެ ދިރިއުޅުމުގެ ކުރެހުންތަކެވެ. މީގެ އިތުރުން ރާއްޖެއާ އަވަށްޓެރި ބައެއް ގައުމުތަކުގެ މަންޒަރުތައް ވެސް މި މައުރަޒުގައި ހިމަނާފައިވެއެވެ.
ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި ރައީސް މުއިއްޒު ވަނީ މައުރަޒުގައި ހުރި ކުރެހުންތައް ބައްލަވާލައްވައި، ”އިހުސާސް” މައުރަޒުގެ މެހުމާނުންގެ ފޮތުގައި ސޮއިކުރައްވާފައެވެ.



