މައްސަލައަކާ ގުޅިގެން ފުލުހުން ހިފެހެއްޓި އެތައް ހާސް ޑޮލަރެއް ”ގެއްލިގެން“ އެ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން މިރޭ ބުނެފިއެވެ.
މި ފައިސާއަކީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު 15 ވަނަ ދުވަހު ހުށަހެޅުނު މައްސަލައަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު ފައިސާތަކެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑުން މި މައްސަލަ ތަހުގީގު ކުރަމުންދާއިރު، ފައިސާގެ ޖުމްލަ އަދަދުގައި 30،000 ޑޮލަރުގެ ފަރަގެއް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލަ ފާހަގަކުރެވުނީ އިއްޔެކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، މި މައްސަލައިގައި ހަލާކުވެފައިވާ ފައިސާ ވެސް، ފައިސާ ބެހެއްޓިފައިވާ ތަނުން، ކޮތަޅެއްގެ ތެރެއިން ފެނިފައިވާތީ އެ ކަން ފޮރެންސިކް މެދުވެރިކޮށް ދަނީ ބަލަމުން ކަމަށެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މިހާ ގިނަ އަދަދެއްގެ ޑޮލަރު ”ގެއްލިގެން“ އުޅޭ މައްސަލަ ބަލަމުންދާއިރު، މިއީ ސީދާ ކޮން މައްސަލައަކާ ގުޅިގެން ހިފެހެއްޓުނު ފައިސާއެއްކަން އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މި މައްސަލައިގައި އެއްވެސް ފަރާތެއް ހައްޔަރުކޮށްފައިވާކަން ވެސް އަދި އެނގިފައެއް ނުވެއެވެ.



