ލާމަރުކަޒީ ގާނޫނަށް ގެންނަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީގުކުރައްވައިފިއެވެ.
މި ބިލަކީ، 6 އޮގަސްޓު 2025 ވީ ބުދަ ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 22 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.
މި ބިލު ފާސްކުރެއްވީ 61 މެންބަރުންގެ ތެރެއިން 51 މެންބަރުންގެ ވޯޓާއެކު އެވެ.
ރައީސް އޮފީހުން ބުނިގޮތުގައި، ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވުމުގެ މައިގަނޑު ބޭނުމަކީ، ކައުންސިލްތަކުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ވިޔަފާރީގެ ޙަރަކާތްތައް ހިންގުމުގެ ދާއިރާ ޤާނޫނުގައި ކަނޑައެޅުމަށާއި، ހިލޭ އެހީގެ ގޮތުގައި ދައުލަތުން ކައުންސިލްތަކަށް ފައިސާ ދިނުމުގައި ޢަމަލުކުރަންޖެހޭ ބައެއް އުސޫލުތައް މުރާޖަޢާކުރުމަށާއި، ކައުންސިލްތަކުގެ ޢުމުރުގެ ފަހު އަހަރުގެ ތެރޭގައި ކައުންސިލްތަކުން މުހިންމު މާލީ ކަންކަން ނިންމުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކުރުމެވެ.
މި ބިލުގައި، ކައުންސިލްތަކުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ކުރާ ވިޔަފާރީގެ މަސައްކަތުގައި ވަކި ޝަރުޠުތަކެއް ފުރިހަމަވާންޖެހޭނެ ކަމުގައި ބަޔާންކޮށް، ޤާނޫނާ ތަޢާރުޟުވާނަމަ، މި އިސްލާޙަށް ޢަމަލުކުރަން ފަށާތާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި، އެފަދަ ވިޔަފާރީގެ ޙަރަކާތްތައް ހުއްޓާލަންވާނެ ކަމުގައިވެސް ބަޔާންކޮށްފައިވެއެވެ.
ހަމަމިއާއެކު، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ބޭނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިމުން ނުވަތަ ޢިމާރާތްތަކުން، ކައުންސިލްތަކަށް ކުއްޔެއް ނުނެގޭނެކަމަށް ބަޔާންކޮށް މާއްދާއެއް އިތުރުކޮށްފައިވެއެވެ.
އަދި ކައުންސިލްތަކުގެ ޢުމުރުގެ ފަހު އަހަރުގެ ތެރޭގައި ކައުންސިލްތަކުން މުހިންމު މާލީ ކަންކަން ނިންމުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތައްބަޔާންކޮށް މާއްދާއެއް އިތުރުކޮށްފައިވެއެވެ.
އެގޮތުން، ލޯކަލް ކައުންސިލްތަކުގެ ޢުމުރު ހަމަވުމާ ދެމެދު އޮތީ 365 ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްނަމަ، ކައުންސިލްތަކަށް މުވައްޒަފުން ހަމަޖެއްސުމާއި، ކައުންސިލްތަކުގެ އިޙްތިޞާޞްގައި ހިމެނޭ ބިމާއި، ފަޅާއި، ފަރު ސަރަޙައްދު ކުއްޔަށްދިނުމާއި، ކައުންސިލްތަކުގެ ތަރައްޤީގެ ޕްލޭންތަކުގައި ކަނޑައަޅާފައިނުވާ އާ ތަރައްޤީގެ މަޝްރޫޢުތައް ފެށޭނީ، މާލީ ކަންކަން ހިންގުމާބެހޭ ވުޒާރާއާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމުގައި ބަޔާންކޮށްފައިވެއެވެ.
ރައީސް މި ބިލު ތަސްދީޤުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި އިއްޔެ ޝާއިޢުކުރެއްވުމާއެކު، މި އިޞްލާޙަށް މިހާރު ވަނީ ޢަމަލުކުރަން ފަށާފައެވެ.



