އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓްގެ 12 ވަނަ އަލްބަމް ”ލައިފް އޮފް އަ ޝޯގާލް“ އަންނަ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހު ނެރުމަށް ހަމަޖެހިއްޖެ އެވެ.
މި އަލްބަމްގެ ޓްރެކް ލިސްޓާއި ކަވަރ އާޓް ވެސް މިހާރު ވަނީ އާންމުކޮށްފައެވެ.
ރިޕަބްލިކް ރެކޯޑްސްގެ ތައްގަނޑުގައި ނެރޭ މި އަލްބަމްގައި ޖުމްލަ 12 ލަވަ ހިމެނޭ އިރު، ޓައިޓްލް ލަވައިގައި ޓޭލާއާ އެކު މަޝްހޫރު ލަވަކިޔުންތެރިޔާ ސަބްރީނާ ކާޕެންޓާ ވެސް ބައިވެރިވެފައިވެ އެވެ. އަލްބަމްގެ ވުޖޫދަށް އައުމާ ބެހޭ މައުލޫމާތު ފުރަތަމަ ހާމަކުރީ މި މަހުގެ 12 ވަނަ ދުވަހު އެވެ.
އަލްބަމްގައި ހިމެނޭ ލަވަތަކުގެ ތެރޭގައި ”ދަ ފޭޓް އޮފް އޮފީލިއާ“، ”އެލިޒަބަތު ޓޭލާ“، ”އޮޕަލައިޓް“، ”ފާދާ ފިގާ“، ”އެސްޑެސްޓް ޑޯޓާ“، ”ރުއިން ދަ ފްރެންޑްޝިޕް“، ”އެކްޗްލީ ރޮމޭންޓިކް“، ”ވިޝް ލިސްޓް“، ”ވުޑް“، ”ކެންސެލްޑް“، ”ހަނީ“ އަދި ”ދަ ލައިފް އޮފް އަ ޝޯ ގާލް“ ހިމެނެ އެވެ. މި އަލްބަމް މިހާރު ވަނީ ޕްރީ-އޯޑަރަށް ވެސް ހުޅުވާލައިފަ އެވެ.
35 އަހަރުގެ ޓޭލާ ސްވިފްޓަކީ މިހާތަނަށް 14 ގްރެމީ އެވޯޑާއި މިއުޒިކް ދާއިރާއިން ދެވޭ އެތައް ޝަރަފުވެރި އެވޯޑެއް ހާސިލުކޮށްފައިވާ ފަންނާނެކެވެ. އޭނާގެ އެންމެ ފަހުގެ އަލްބަމަކީ މިދިޔަ އަހަރު ނެރުނު ”ދަ ޓޯޗާޑް ޕޮއެޓްސް ޑިޕާޓްމަންޓް“ އެވެ.
2006 ވަނަ އަހަރު އަމިއްލަ ނަމުގައި ފުރަތަމަ އަލްބަމް ނެރުނު ފަހުން، ޓޭލާގެ މިއުޒިކީ ކެރިއަރުގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ވަނީ ހޯދައިފަ އެވެ.
އޭގެ ތެރޭގައި 2020 ވަނަ އަހަރު ”ފޯކްލޯ“ އާއި ”އެވަމޯ“ ގެ ނަމުގައި ނެރުނު ދެ އަލްބަމްވެސް ހިމެނެ އެވެ.



