ފަލަސްތީނުގެ ޣައްޒާއަށް ކާބޯތަކެތީގެ އެހީ ވެއްދުން ނިރުބަވެރި އިސްރާއީލުން މަނާކުރަމުންދާތީ، އެހީ ފޯރުކޮށްދިނުމުގެ މަސައްކަތްކުރާ 100 އަށްވުރެ ގިނަ ޖަމިއްޔާތަކުން މިއަދު ބަޔާނެއް ނެރެފިއެވެ.
މި ޖަމިއްޔާތަކުން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، މިދިޔަ މާޗް މަހުގެ ދެވަނަ ދުވަހުން ފެށިގެން އެހީގެ ސާމާނު ލޮރީތަކުގައި ބަރުކޮށްފައި ވީނަމަވެސް، އެއްވެސް ލޮރީއެއް ޣައްޒާއަށް ވަދެފައި ނުވެއެވެ.
އިސްރާއީލުން ތަފާތު ބަހަނާތައް ދައްކަމުންދާއިރު، އެހީ ވެއްދުމުގައި ހުރަހެއް ނެތް ކަމަށް ދައްކާ ވާހަކައަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ޣައްޒާގެ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުންދާއިރު، ހޮސްޕިޓަލްތަކުގައި ރައްޔިތުންނަށް ފަރުވާ ދިނުމަށް ބޭނުންކުރާނެ ސާމާނުތައް ވަނީ ހުސްވެފައި ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އިސްރާއީލުން ބުނާ ގޮތުގައި ދުވާލަކު 80 ވަރަކަށް ޓްރަކް ޣައްޒާއަށް ވަނުމުގެ ހުއްދަ ދެމުން ގެންދެއެވެ. ނަމަވެސް މިއީ ޣައްޒާގެ ރައްޔިތުންނަށް ފުދޭ މިންވަރެއްގެ އެހީއެއް ނޫން ކަމަށް އިންސާނީ ޖަމިއްޔާތަކުން ފާހަގަކުރެއެވެ. އަދި އެހީގެ ސާމާނު ހަތިޔާރަކަށް ހެދުން ނިމުމަކަށް ގެނައުމަށް އިސްރާއީލަށް މަޖުބޫރުކުރުމަށް ބައިނަލްއަގްވާމީ ޖަމިއްޔާތަކަށް ގޮވާލައިފައިވެއެވެ.
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތަކުގައި މިހާތަނަށް 61،500 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، އިންސާނީ ހާލަތު ދަނީ ދުވަހެއް ދުވަހަކަށް ގޯސްވަމުންނެވެ.
މި ހާލަތުން އަރައިގަތުމަށް ޣައްޒާއަށް ހުރަހެއްނެތި އެހީގެ ސާމާނު ވެއްދޭނެ އިންތިޒާމު ހަމަޖެއްސުމަށް ޖަމިއްޔާތަކުން ވަނީ ގޮވާލައިފައެވެ.



