ޕާކިސްތާނުގައި މިދިޔަ ހުކުރު ދުވަހުން ފެށިގެން ކުރިމަތިވެފައިވާ ބޯ ވިއްސާރައާއި ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް 344 މީހުން މަރުވެއްޖެ އެވެ.
މި ނުރައްކާތެރި ހާދިސާގައި ގިނަ އަދަދެއްގެ ގެތަކަށް ގެއްލުން ލިބި، ބިންގަނޑު ކަނޑައިގެން ގޮސްފައިވާ ކަމަށް އެ ގައުމުގެ އިމަޖެންސީ އިދާރާތަކުން މައުލޫމާތު ދީފައިވެ އެވެ.
މި މޫސުމީ ވިއްސާރައިގެ އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ ފަރުބަދަމަތީ ސަރަހައްދުތަކަށެވެ. އެގޮތުން ޙައިބަރު ޕަކުންވާ އަދި ޕާކިސްތާނުގެ ބެލުމުގެ ދަށުގައިވާ ކަޝްމީރު ސަރަހައްދުގައި ފެންބޮޑުވުމުގެ ސަބަބުން އެތައް ބައެއްގެ ދިރިއުޅުމަށް ނޭދެވޭ އަސަރުކޮށްފައިވެ އެވެ.
ކަމާބެހޭ އިދާރާތަކުން ވަނީ، ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މޫސުން އިތުރަށް ގޯސްވެ، ބޯކޮށް ވާރޭވެހުމުގެ ފުރުސަތު އޮތް ކަމަށް އިންޒާރު ދީފައިވެ އެވެ. އަދި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މެދުކެނޑުމެއް ނެތި ކުރިއަށްދާ ކަމަށް އެ އިދާރާތަކުން ބުނެފައިވެ އެވެ.
ޕާކިސްތާނަކީ މީގެ ކުރިން ވެސް މިފަދަ ބޮޑެތި ކާރިސާތަކާ ކުރިމަތިލާންޖެހިފައިވާ ގައުމެކެވެ. 2022 ވަނަ އަހަރު އެ ގައުމުގައި ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާގައި 1،700 އަށް ވުރެ ގިނަ މީހުން މަރުވެ، 10 ބިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުން ލިބިފައިވެ އެވެ.
މި ވަގުތު ޕާކިސްތާނުގެ ސަލާމަތީ އަދި އިމަޖެންސީ އިދާރާތަކުން ދަނީ ހާލުގައި ޖެހިފައިވާ ރައްޔިތުން ސަލާމަތްކޮށް، އެ ފަރާތްތަކަށް އަވަސް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ.




