ޕާކިސްތާނުގެ އެކި ސަރަހައްދުތަކަށް އާދަޔާ ޚިލާފަށް ވިއްސާރަވެ، ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން 300 އަށްވުރެ ގިނަ މީހުން މަރުވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސް މިއަދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށާއި ހާލުގައި ޖެހުނު އެންމެހާ ފަރާތްތަކަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތައުޒިޔާ ދަންނަވާ ކަމަށެވެ.
އަދި މި ހިތްދަތި ދަނޑިވަޅުގައި ރާއްޖެ އޮތީ ޕާކިސްތާނުގެ ސަރުކާރާއި ރައްޔިތުންނާއެކު ކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.
ޕާކިސްތާނުގެ ޑިޒާސްޓާ އޮތޯރިޓީން މަޢުލޫމާތު ދޭ ގޮތުގައި، މި ހާދިސާގައި އެންމެ ގިނަ މީހުން މަރުވެފައިވަނީ ހުޅަނގު އުތުރުގައި އޮންނަ ފަރުބަދަމަތީ ޚައިބަރު ޕަޚްތޫންޚުވާ ޕްރޮވިންސްގައެވެ. 74 ގެއަކަށް އެކި ވަރުގެ ގެއްލުން ލިބިފައިވާއިރު، ރެސްކިއު އޮޕަރޭޝަންތަކުގައި ބޭނުންކުރި ހެލިކޮޕްޓަރެއް ވެއްޓި، އޭގެ ފަސް ފަޅުވެރިން ވަނީ މަރުވެފައެވެ.
ޕާކިސްތާނުގެ މޫސުމާ ބެހޭ ގައުމީ އިދާރާއިން އަންގާފައިވާ ގޮތުގައި، އޮގަސްޓް 21 އާ ހަމައަށް ހުޅަނގު އުތުރުގެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭތީ، ގިނަ ސަރަހައްދުތަކެއް ވަނީ ޑިޒާސްޓާ ޒޯންތަކެއްގެ ގޮތުގައި ކަނޑައަޅާފައެވެ.
މި ހާދިސާއާ ގުޅިގެން ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ވަނީ ކެބިނެޓްގެ ކުއްލި ބައްދަލުވުމެއް ބާއްވައި، ގެއްލުންތައް ބަލައި އެހީ ފޯރުކޮށްދިނުމުގެ ކަންކަން ވިލަރެސްކުރުމަށް މަތީ ފެންވަރުގެ ޚާއްސަ ޓާސްކް ފޯސްއެއް އުފައްދަވާފައެވެ.
އަދި ވިއްސާރައިގެ ސަބަބުން ލިބެމުންދާ ގެއްލުންތަކުން އަރައިގަތުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި ސަރުކާރުގެ މުއައްސަސާތައް ހީވާގިކަމާއެކު މަސައްކަތްކުރުމަށް އެދިވަޑައިގެންފައިވެއެވެ.




