އެންމެ ފަހުގެ ލަލީގާ ޗެމްޕިއަން ބާސެލޯނާއިން 3-0 ގެ ނަތީޖާއަކުން މަޔޯކާ ބަލިކޮށް މޮޅަކާއެކު މި އަހަރުގެ ލީގު ފަށައިފިއެވެ.
މަޔޯކާ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ބާސާގެ ކުޅުން ފެށުނީއްސުރެ ފަހުކޮޅާ ހަމައަށް ވެސް ދިޔައީ އެ ޓީމުގެ ބާރުގެ ދަށުގައެވެ.
މި މެޗުގައި ބާސާގެ އާ ކީޕަރު ޖޯން ގާސިއާ ފުރަތަމަ 11 ގައި ހިމެނިގެން ކުޅުނު އިރު، އިނގިރޭސި ކުޅުންތެރިޔާ މާކޮސް ރަޝްފޯޑު ކުޅެން ނިކުތީ ދެވަނަ ހާފުގައި ބެންޗުންނެވެ.
ނަމަވެސް މިދިޔަ ސީޒަންގައި ބާސާގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާގެ ގޮތުގައި ފާހަގަކުރެވުނު ރޮބާޓް ލެވަންޑޯސްކީއަށް އަނިޔާގެ ސަބަބުން މެޗުގައި ބައިވެރިނުވެވުނެވެ.
މެޗުގެ ކުރީކޮޅު، ހަތްވަނަ މިނެޓުގައި ބާސާއަށް ލީޑު ނަގައިދިނީ ލަމީން ޔަމާލް ނަގައިދިން ހުރަހަކުން ރަފީނިއާއެވެ. އޭގެ 16 މިނެޓު ފަހުން ބާސާގެ ދެވަނަ ގޯލު އޭރިއާ ބޭރުން ފެރާން ޓޮރޭސް ވަނީ ކާމިޔާބުކޮށްފައެވެ.
މެޗުގެ 33 ވަނަ މިނެޓުގައި މަޔޯކާގެ މަނޫ މޯލަންސްއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކުމާއި، 39 ވަނަ މިނެޓުގައި ވަދަތު މުރިގީއަށް ބާސާގެ ކީޕަރަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ރަތް ކާޑު ދެއްކުމުން މަޔޯކާ ކުޅެން ޖެހުނީ ދެ ކުޅުންތެރިން މަދުންނެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގައި ބާސާގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ ޔަމާލްއެވެ.
މި މޮޅާއެކު ބާސާއިން ވަނީ މި ސީޒަންގެ ލަލީގާގެ ފުރަތަމަ ތިން ޕޮއިންޓް ހޯދައިފައެވެ.



