އިންޑިއާގެ އެތެރޭގެ އިގުތިސާދު ކުރިއެރުވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) ރޭޓުތައް ބޮޑުތަނުން ދަށްކުރަން އެ ގައުމުގެ ސަރުކާރުން ނިންމައިފިއެވެ.
މި ބަދަލު އަންނަ އޮކްޓޯބަރު މަހުން ފެށިގެން ތަންފީޒުކުރަން ނިންމާފައިވާކަން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިޢުލާންކުރެއްވީ އެ ގައުމުގެ މިނިވަން ދުވަހުގެ ރަސްމިއްޔާތުގައެވެ.
އިންޑިއާގެ މައި ސަރުކާރުގެ އިސް އޮފިޝަލުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި، މިހާރު ހަތަރު ރޭޓެއްގައި ނަގަމުންދާ ޖީއެސްޓީ، ދެ ގިންތިއަކަށް ބަދަލުކުރެވޭނެއެވެ.
މިގޮތުން 12 އާއި 28 ޕަސެންޓުގެ ގިންތިތައް އުވާލައި، ޖީއެސްޓީ ނެގުން ފަހަކާއި 18 ޕަސެންޓުގެ ދެ ރޭޓަށް ބަދަލުކުރެވޭނެއެވެ. އަދި މިހާރު 12 ޕަސެންޓުގެ ޓެކްސް ނަގަމުންދާ މުދަލާއި ޚިދުމަތުގެ 99 ޕަސެންޓް، ފަސް ޕަސެންޓަށް ދަށްކުރުމަށް ވަނީ ނިންމާފައެވެ.
މި ބަދަލުގެ އެންމެ ބޮޑު ފައިދާއެއް ލިބޭނެ ދާއިރާއަކީ ރަނާއި ރިހީގެ ވިޔަފާރިއެވެ. އޮފިޝަލުން މަޢުލޫމާތު ދެއްވާ ގޮތުގައި، މިހާރު ތިން ޕަސެންޓުގެ ޓެކުހެއް ނަގަމުންދާ ރަނުން ދެން ނަގާނީ އެއް ޕަސެންޓަށްވުރެ ދަށް ރޭޓެކެވެ. ނަމަވެސް، ދުންފަތުގެ އިސްތިޢުމާލު ކުޑަކުރުމަށްޓަކައި، ދުންފަތުގެ ބާވަތްތަކުން ނަގާ ޖީއެސްޓީ 28 ޕަސެންޓުން 40 ޕަސެންޓަށް އިތުރުކުރުމަށް ވެސް ވަނީ ނިންމާފައެވެ.
އިޤްތިޞާދީ މާހިރުން ލަފާކުރާ ގޮތުގައި މި ބަދަލުގެ ސަބަބުން އާންމުކޮށް ބޭނުންކުރާ ގިނަ މުދަލުގެ އަގު ވަރަށް ބޮޑުތަނުން ދަށްވެގެންދާނެއެވެ. މި ބަދަލު ގެނައުމަށް ސަރުކާރުން ނިންމާފައިވަނީ، އެމެރިކާއިން އިންޑިއާގެ މުދަލުން ނަގާ ޑިއުޓީ 50 ޕަސެންޓަށް އިތުރުކުރަން ނިންމުމާ ގުޅިގެން، އެތެރޭގެ އުފެއްދުންތެރިކަން އިތުރުކޮށް ވިޔަފާރި ފުޅާކުރުމުގެ ވިސްނުމުގައެވެ.
އެމެރިކާއިން އިންޑިއާގެ މުދަލުން ނަގާ ޑިއުޓީ މިހާ ބޮޑުތަނުން އިތުރުކުރަން ނިންމީ، އިންޑިއާއިން ރަޝިއާގެ ތެލުގެ އިމްޕޯޓު މެދުކަނޑާނުލުމާ ގުޅިގެންނެވެ.
މިކަމާ ގުޅިގެން އިންޑިއާއިން ވަނީ އެތެރޭގެ އިޤްތިޞާދު ވަރުގަދަކުރުމަށް އިތުރު ފިޔަވަޅުތަކެއް އަޅަން ނިންމާފައެވެ.


