ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީ ނުވަތަ ޔޫތު އެޑްވައިޒަރީ ބޯޑުން އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދުގެ ދަރިކަލުން، އަބްދުﷲ މާހިލް ޝަހީމް އިސްތިއުފާ ދެއްވައިފިއެވެ.
ނަމަވެސް އިސްތިއުފާ ދެއްވި ސަބަބާ ގުޅޭ އެއްވެސް މައުލޫމާތެއް އަދި ހާމައެއް ނުކުރެއެވެ.
މާހިލް އެ ބޯޑަށް އައްޔަންކުރެވިފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. އޭނާގެ އިސްތިއުފާއާ ގުޅިގެން މިހާރު އެ ބޯޑުގައި ތިއްބެވި މެންބަރުންގެ އަދަދު ވަނީ މަދުވެފައެވެ. މީގެ ކުރިންވެސް އެ ބޯޑުން ވަނީ ބައެއް މެންބަރުން އިސްތިއުފާ ދެއްވާފައެވެ.
މާހިލްގެ އިސްތިއުފާ ދިން ސަބަބެއް ކަމަށް ބެލެވެނީ، އޭނާ ވޭޕް ސާމާނު ގައިގައި ބަނދެގެން އެތެރެކުރަން އުޅުނު ކަމަށް ބުނެ ”އަދަދު“ ނޫހުން ކުރި ރިޕޯޓަކާ ގުޅިގެންނެވެ. އެ ނޫހުން ބުނެފައިވަނީ މާހިލް ރާއްޖެއަށް އައިއިރު، ވޭޕް ކުރާ ސާމާނުތަކެއް ރާއްޖެއަށް އެތެރެކުރަން އުޅުމުން ކަސްޓަމްސްއިން އެ ތަކެތި ހިފެހެއްޓި ކަމަށެވެ. ނަމަވެސް މި ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށް މާހިލްފެ ބައްޕާފުޅު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވިއެވެ.
ޔޫތު އެޑްވައިޒަރީ ބޯޑަކީ 15 މެންބަރުން ހިމެނޭ ބޯޑެކެވެ.
މި ބޯޑުގެ މައިގަނޑު މަގްސަދަކީ ސަރުކާރުގެ މެނިފެސްޓޯއާއި، މުހިންމު ސިޔާސަތުތައް ތަންފީޒުކުރުމުގައި، ޒުވާނުންގެ ހިޔާލާއި މަޝްވަރާ ހޯދައި، ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމެވެ. މީގެ އިތުރުން، ޒުވާނުންގެ ކުރިއެރުމަށް ހުރި ހުރަސްތަކާއި ގޮންޖެހުންތައް ދެނެގަނެ، އެކަންކަން ހައްލުކުރުމަށް މަސައްކަތްކުރުމަކީވެސް މި ބޯޑުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.



