މަސްތުވާތަކެތީގެ މައްސަލައެއްގައި ލ. ކަލައިދޫއިން މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ލ. އިސްދޫ / ހިޔަލީގުލްޝަން، އަޙްމަދު ނަޝީދު (38އ) އެވެ.
ފުލުހުން ބުނީ، އޭނާ ހައްޔަރުކޮށްފައިވަނީ މި މަހު 17 ވަނަ ދުވަހު ފުލުހުން ރަށުތެރެ ޕެޓްރޯލު ކުރަމުން ދިޔައިރު އޭނާގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައިފާސްކޮށްފައި ކަމަށެވެ.
ސައިކަލެއްގައި އޭނާ ދަނިކޮށް ހުއްޓުވި ވަގުތު ސައިކަލު މަޑިދަށުން އެއްޗެއް ނަގައިގެން ދުއްވައިގަނެ ފިލަން މަސައްކަތްކުރުމުން އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރުގަނޑެއް ފެނިފައިވާ ކަމަށާއި މި ތަކެތީގެ ވަގުތީ ބަރުދަނަކީ 4.64 ގުރާމް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނިގޮތުގައި، މި މައްސަލައާ ގުޅިގެން އަޙްމަދު ނަޝީދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 12 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވެއެވެ.
އިސްދޫ ޕޮލިހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.




