މި ސީޒަނުގެ ސްޕެނިޝް ލީގުގައި އެތުލެޓިކޯ މެޑްރިޑުން ކުޅުނު ފުރަތަމަ މެޗުގައި ރޭ އެސްޕަނިޔޯލް އަތުން 2-1 ގެ ނަތީޖާއަކުން ބަލިވެއްޖެއެވެ.
އެސްޕަނިޔޯލްގެ ދަނޑުގައި ކުޅުނު މި މެޗުގައި އެޓީމުން ވަނީ ފަހަތުން އަރައި މެޗު ކާމިޔާބުކޮށްފައެވެ.
މެޗުގެ ފުރަތަމަ ގޯލު ޖެހީ އެތުލެޓިކޯގެ ސްޓްރައިކަރު ޖޫލިއަން އަލްވަރޭޒެވެ. އާޖެންޓީނާގެ މި ތަޖުރިބާކާރު ކުޅުންތެރިޔާ މެޗުގެ 37 ވަނަ މިނެޓުގައި ޖެހި ހިތްގައިމު ހިލޭ ޖެހުމަކުން އެތުލެޓިކޯ ލީޑު ނެގިއެވެ.
ދެވަނަ ހާފުގެ ކުރީކޮޅުގައި އަލްވަރޭޒަށް އިތުރު ގޯލެއް ޖެހުމުގެ ރަނގަޅު ފުރުސަތެއް ލިބުނެވެ. އޭރިއާ ތެރެއިން އޭނާ، ދެ ކުޅުންތެރިން ނައްޓާލާފައި ފޮނުވާލި ހަމަލާ އަމާޒުވީ ދަނޑިއަށެވެ.
މެޗުގެ 73 ވަނަ މިނެޓުގައި އެސްޕަނިޔޯލްގެ މިގޭލް ރޫބިއޯ ވަނީ ހިލޭ ޖެހުމަކުން ހުރަސް ކުރި ބޯޅައެއްގައި ގޯލެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ.
އަދި މެޗުގެ 85 ވަނަ މިނެޓުގައި ޕެރޭ މިލާ ވަނީ އެސްޕަނިޔޯލްގެ ދެވަނަ ގޯލު ޖަހާ މެޗުން މޮޅުވެފައެވެ.


