ރާއްޖޭގެ އޭ ލެވެލް ކިޔެވުމުގެ ފުރުސަތު ވީހާވެސް ގިނަ ކުދިންނަށް ދިނުމުގެ މަޤްސަދުގައި، ގްރޭޑް 11 އަދި 12 އަށް ވަނުމުގެ ކްރައިޓީރިއާ ދަށްކޮށް އެޑިޔުކޭޝަން މިނިސްޓްރީން އުސޫލް އިސްލާހުކޮށްފިއެވެ.
މިނިސްޓްރީން ސްކޫލުތަކަށް ފޮނުވި ސާކިއުލާގައިވާ ގޮތުން، އޭ ލެވެލް އަށް ވަދެވޭނެ ތިން މަގެއް ވަނީ ކަނޑައަޅާފައެވެ. އެއީ އެކަޑަމިކް ސްޓްރީމާއި، ސްކޫލުގައި ކުރިއަށް ގެންދާ ވޮކޭޝަނަލް އެޑިޔުކޭޝަނާއި، މަސައްކަތުގެ މާހައުލުގައި ކިޔެވުމުގެ އެޕްރެންޓިޝިޕް ޕްރޮގްރާމެވެ.
1. އެކަޑަމިކް ސްޓްރީމްތައް
- އޯ ލެވެލް އިމްތިހާނުގައި ދިވެހި ނުވަތަ އިސްލާމުން ދަށްވެގެން ސީ ފާހާ އެކު އެހެން ދެ މާއްދާ ހިމެނޭ ގޮތަށް ޖުމްލަ ހަތަރު މާއްދާ އިން ސީ ލިބުން.
- އޯ ލެވެލް އިމްތިހާނުގައި ދިވެހި ނުވަތަ އިސްލާމްގެ އިތުރަށް ހިސާބުން ދަށްވެގެން ލިބިފައިވުމާ އެކު ސްޓްރީމްގެ (ސައިންސް، ބިޒްނަސް ނުވަތަ އާޓްސް)ގެ ދެ މާއްދާއަކުން ސީ ލިބިފައި ވުން
- އޯ ލެވެލް އިމްތިހާނުގައި ދިވެހި ނުވަތަ އިސްލާމުން ދަށްވެގެން ސީ އާ އެކު ކޮންމެވެސް އެއް ސްޓްރީމެއްގެ (ސައިންސް، ބިޒްނަސް ނުވަތަ އާޓްސް)ގެ ދެ މާއްދާއިން ސީ ހޯދައި ކުރިއަށްދާން ބޭނުންވާ މަސައްކަތުގެ ދާއިރާއާ ގުޅޭ އިހުތިޔާރީ އެއް މާއްދާއަކުން ސީ ލިބިފައިވުން.
- އޯ ލެވެލްގައި ހިސާބު ނޫނީ އިނގިރޭސިން ދަށްވެގެން ސީ ލިބިފައި ވުމާ އެކު ކޮންމެވެސް އެއް ސްޓްރީމަކުން (ސައިންސް، ބިޒްނަސް ނުވަތަ އާޓްސް)ގެ ދެ މާއްދާއިން ސީ ލިބިފައި ވުން.
- އޯ ލެވެލްގައި ހިސާބުން ދަށްވެގެން ސީ ލިބިފައިވުމާ އެކު ކޮންމެވެސް އެއް ސްޓްރީމަކުން (ސައިންސް، ބިޒްނަސް ނުވަތަ އާޓްސްގެ) މަދުވެގެން އެއް މާއްދާއިން ސީ ލިބިފައި ވުމާއެކު ސްޓްރީމް މާއްދާއާ ގުޅުންހުރި އިހުތިޔާރީ އެއް މާއްދާއިން ސީ ލިބިފައިވުން.
- އިންޑިވިޖުއަލް ކަރިކިއުލަމް ޕްލޭން (އައިސީޕީ)އޯ ލެވެލް ހަދާ ކުދިން އޯ ލެވެލް ނިންމައި ބައިވެރިވި މާއްދާތަކުގެ ތެރެއިން ކޮންމެވެސް ދެ މާއްދާއިން ސީ ލިބިފައިވުން.
2. ފިއާސަން ބީޓެކް އިންޓަނޭޝަނަލް ލެވެލް 3 ޑިޕްލޮމާ، އެކްސްޓެންޑާޑް ޑިޕްލޮމާ އަދި ސްކޫލު ޓިވެކް ކޯހާއި މަސައްކަތުގެ މާހައުލުގައި ކިޔެވުމުގެ އެޕްރެންޓިޝިޕް ޕްރޮގްރާމަށް ވަނުމުގެ ޝަރުތުތައް
- ފިއާސަން ބީޓެކް އިންޓަނޭޝަނަލް ލެވެލް 2 ޑިޕްލޮމާ ނުވަތަ ސްކޫލް ޓިވެކް ކޯހުން ދަށްވެގެން ”ފާސް“ ލިބިފައި ވުން
- އޯ ލެވެލްގެ ކޮންމެވެސް ތިން މާއްދާއަކުން ދަށްވެގެން ސީ ލިބުން.
އޭގެ ތެރެއިން އައިސީޕީގެ ދަށުން ކިޔެވުން ފުރިހަމަ ކުރާ ކުދިންގެ ތެރެއިން އެކަޑަމިކް ސްޓްރީމްތަކާއި ފިއާސަން ބީޓެކް އިންޓަނޭޝަނަލް ލެވެލް 3 ޑިޕްލޮމާ، އެކްސްޓެންޑާޑް ޑިޕްލޮމާ އަދި ސްކޫލު ޓިވެކް ކޯހާއި މަސައްކަތުގެ މާހައުލުގައި ކިޔެވުމުގެ އެޕްރެންޓިޝިޕް ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ކުދިންގެ އެޑްމިޝަނާ ގުޅޭ ކަންކަން ނިންމާނީ މިނިސްޓްރީން ކަމަށް ވެސް ބުންޏެވެ.
މިނިސްޓްރީން ފާހަގަކުރި ގޮތުގައި، އޭ ލެވެލް ކިޔަވަން ފުރުސަތު ދިނުމުގައި ބަލާނީ އެސްއެސްސީ، އައިޖީސީއެސްއީ، އޯލެވެލް އަދި ބީޓެކްގެ ނަތީޖާއަށެވެ. އަދި މި ފުރުސަތު ދެވޭނީ މި އަހަރުގެ ޑިސެމްބަރު 31 އަށް 18 އަހަރު ފުރިފައި ނުވާ ކުދިންނަށެވެ. އަތޮޅުތަކުގެ ސްކޫލުތަކުގައި ޖާގަ އޮވެ، ޝަރުތުތައް ފުރިހަމަ ނުވާ ކުދިންނަށް ވެސް މިނިސްޓްރީގެ ހުއްދައާއެކު ކިޔެވުމުގެ ފުރުސަތު ދެވޭނެއެވެ.
އޭ ލެވެލް ކިޔަވާ ދަރިވަރުންގެ އަދަދު އިތުރު ކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށްވާއިރު، ސަރުކާރުން ވަނީ ގިނަ ކަންތައްތަކެއް މިހާރު ވެސް ކޮށްފަ އެވެ. އޭގެތެރޭގައި މާލޭގައި ޒަމާންވަންދެން ހިންގި އޭ ލެވެލް ސްކޫލް، ސީއެޗްއެސްއީ އިމާރާތް އަލުން ހުޅުވައި ކިޔަވައި ދޭން ފެށުން ހިމެނެ އެވެ.
އަދި އޯ ލެވެލް އަށް ކިޔަވައިދޭ 23 ސްކޫލެއްގައި މި އަހަރު އޭ ލެވެލް ކިޔަވައިދޭން ވެސް ވަނީ ފަށައިފަ އެވެ.



