މިއަހަރުގެ މިހާތަނަށް އިޓަލީވިލާތުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އެއްލައްކައަށް ވުރެ މައްޗަށް ގޮސްފިއެވެ.
ޓުއަރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މިއަހަރުގެ މިހާތަނަށް އިޓަލީވިލާތުން 101،051 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. އެއީ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ %7.2 އެވެ.
އިޓަލީވިލާތަކީ މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ޤައުމުތަކުގެ ތެރެއިން 4 ވަނަ ޤައުމެވެ. މިގޮތުން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިން ކަމަށްވާއިރު، އެއީ 217،041 ފަތުރުވެރިންނެވެ. ދެވަނައަށް އެންމެ ގިނައީ ރަޝިއާގެ 167،418 ފަތުރުވެރިންނެވެ. އަދި ތިންވަނައިގައިވަނީ އިނގިރޭސިވިލާތުގެ 129،371 ފަތުރުވެރިންނެވެ.
އޮގަސްޓް މަހުގެ މިހާތަނަށް ރާއްޖެއަށް 114،509 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ މި މުއްދަތާ އަޅާބަލާއިރު 4.6 އިންސައްތައިގެ އިތުރުވުމެކެވެ. އަދި އޮގަސްޓް މަހުގެ މިހާތަނަށް އެވްރެޖްކޮށް ދުވާލަކު 6،736 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރަމުންދެއެވެ.
ސަރުކާރުން މިއަހަރަށް ކަނޑައަޅާފައިވާ 2.3 މިލިޔަން ފަތުރުވެރިންގެ އަމާޒަށް ވާސިލުވުމަށް އަދިވެސް ގާތްގަނޑަކަށް 900،000 ފަތުރުވެރިން ބޭނުންވާއިރު، މިހާތަނަށް އައި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ.
އެއީ 1،034،119 ފަތުރުވެރިންނެވެ.




