އާދާލަތު ޕާޓީ އަބަދުވެސް ދެމިއޮންނާނީ އަދުލު އިންސާފުގެ މަތީގައި ސާބިތުވެ، ހައްގަށް ނަސްރުދޭ ޕާޓީއެއްގެ ގޮތުގައި ކަމަށް އެ ޕާޓީގެ ރައީސް ޝައިހު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އަދާލަތު ޕާޓީގެ 20 އަހަރުގެ ޔުބީލް ފާހަގަކުރުމުގެ ގޮތުން ދެއްވި ހިތާބެއްގައި އިމްރާން ވިދާޅުވީ، ރައްޔިތުން ބިކަވެ، ނިކަމެތިވާ ކޮންމެ ދަނޑިވަޅެއްގައި އަދާލަތު ޕާޓީ އޮންނާނީ ފަސްނުޖެހި ރައްޔިތުންނާ އެކު ކަމަށެވެ.
އެމްޑީޕީ އަށް ފަހު ދެވަނައަށް ރާއްޖޭގައި އުފެއްދި މި ޕާޓީން ވޭތުވެދިޔަ 20 އަހަރު ތެރޭގައި ވަނީ ގިނަގުނަ ހިދުމަތްތަކެއް ގައުމަށް ކޮށްދީފައެވެ.
”މިއަދު އަދާލަތު ޕާޓީގެ މެންބަރުން އެންމެ އުފާކޮށް ފަހުރުވެރިވާންވީ ކަމަކީ ވޭތުވެދިޔަ 20 އަހަރު މެދުކެނޑުމެއް ނެތި ރާއްޖެ އަށް ހިދުމަތް ކޮށްފައިވާ ހަމައެކަނި ދެ ޕާޓީގެ ތެރެއިން އެއް ޕާޓީއަކީ އަދާލަތު ޕާޓީ ކަމުގައި ވާތީ،“ އިމްރާން ވިދާޅުވިއެވެ.
އޮގަސްޓް 18، 2005 ގައި އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި އަދާލަތު ޕާޓީ ރަޖިސްޓަރީ ކުރެވުނީ އިސްލާމް ދީނުގެ އަގުތަކުގެ މައްޗައް ބިނާކޮށް، ސިޔާސީ ޕާޓީއެއް އުފެއްދުމާ މެދު އިލްމުވެރިންގެ މެދުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމަށް ފަހުގައެވެ. މިއީ ގިނަ އަދަދެއްގެ އިލްމުވެރިންނާއި މަދަނީ ތައުލީމުގެ ބޭފުޅުން ގުޅިގެން ކުރެއްވި މަސައްކަތެއް ކަމަށް އިމްރާން ފާހަގަކުރެއްވިއެވެ.
އިމްރާން އިތުރަށް ވިދާޅުވީ، މިދިޔަ 20 އަހަރު ރާއްޖޭގައި ހިންގި ކޮންމެ ބޮޑު ހަރަކާތެއްގައި އަދާލަތު ޕާޓީން ވަނީ މުހިންމު ދައުރެއް އަދާކޮށްފައި ކަމަށެވެ.
އަދި އެ ޕާޓީގެ ފަރާތުން އިޖުތިމާއީ، ދީނީ، އިސްލާހީ ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު، މި ހުރިހާ ކަމެއް ކާމިޔާބު ވެފައިވަނީ އަދާލަތު ޕާޓީގެ އިހުލާސްތެރި މެންބަރުންގެ މިންނެތް މަސައްކަތުން ކަމުގައި ފާހަގަކުރެއްވިއެވެ.



