ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލެއް ފުރަތަމަ ފަހަރަށް އެކުލަވާލައި، މިއަދު ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފިއެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް، މީޑިއާތަކާއި ނޫސްވެރިކަން ކުރިއެރުވުމަށް ޓަކައި ދައުލަތުގެ ބަޖެޓުން އިންސައްތައެއް އެކަށައަޅުއްވައި މީޑިއާތަކަށް ހަމަޖެއްސެވުމަށް ކުރައްވާ މަސައްކަތްޕުޅުގެ ތެރެއިން އެކުލަވާލެއްވި އުސޫލެކެވެ.
ރައީސުލްޖުމްހޫރިއްޔާ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު އިންތިގާލީ މަރުޙަލާގައި، ”މީޑިއާ ގުންޒަރު” ގެ ނަމުގައި ބޭއްވެވި މަޝްވަރާ ބައްދަލުވުމުގައި، މީޑިއާތަކަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައިވެއެވެ.
އަދި މީޑިއާތައް ބާރުވެރިކުރުވުމަށް ސަރުކާރުން ގެންގުޅުއްވާ ޕްލޭންގެ ތެރެއިން މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމަށް ދައުލަތުގެ ބަޖެޓުން އިންސައްތައެއް ކަނޑައަޅުއްވާނެކަމަށް އެ މަނިކުފާނު އިޢުލާންކުރެއްވިއެވެ.
މިއަދު ގެޒެޓުކުރެވުނު އުސޫލުގެ ދަށުން، ކޮންމެ އަހަރަކަށް ފާސްކުރާ ދައުލަތުގެ ބަޖެޓުގައި، ހިލޭ އެހީއާއި އާމްދަނީ އިތުރުކުރަން އެ އަހަރަކަށް ހުށަހަޅާ އާ ކަންކަމުން ލިބޭނެކަމަށް ލަފާކުރާ ފައިސާ އަދި ވަކި ކަމަކަށް ހިމަނާފައިވާ ފައިސާ ނުހިމަނައި، ބަޖެޓުގެ އަންދާޒާކުރެވޭ ރެވެނިއުގެ 0.1 އިންސައްތައަށް ވާ މިންވަރު މީޑިއާތަކަށް ދޫކުރެވޭނެއެވެ.
މިއަދު ގެޒެޓު ކުރި މި އުސޫލުގައި ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް މާލީ އެހީ ދިނުމުގެ އެންމެހާ އުސޫލުތަކާއި މިންގަނޑުތައް ތަފްސީލުކޮށް ބަޔާންކޮށްފައިވެއެވެ.



