ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އަރިއަތޮޅު އުތުރުބުރީގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު މަތިވެރިއަށް ވަޑައިގެންފިއެވެ.
އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ގިނަ އަދަދެއްގެ ރައްޔިތުން ބަނދަރު ސަރަހައްދަށް ޖަމާވެ، ސަޤާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ދެންނެވިއެވެ.
މި ދަތުރުފުޅުގައި ރައީސް މަތިވެރީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައި، ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުންގެ އެންމެ އިސް އެދުންތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރައްޔިތުންނާވެސް ވަކިން ބައްދަލުކުރައްވާނެއެވެ.
މާދަމާ ހެނދުނު ރައީސް ބައިވެރިވެވަޑައިގަންނަވާ ދެ މުހިންމު ރަސްމިއްޔާތެއް ކުރިއަށްދާނެއެވެ. އެގޮތުން މަތިވެރީ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފެށުމާއި، ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސް މި ތިން ދުވަހުގެ ދަތުރުފުޅުގައި އއ. އަތޮޅުގެ މީހުން ދިރިއުޅޭ 8 ރަށަކަށް ޒިޔާރަތްކުރައްވާނެއެވެ. މަތިވެރީގެ ފަހުން އެމަނިކުފާނު ވަޑައިގަންނަވާނީ ތޮއްޑޫ، ރަސްދޫ، އުކުޅަސް އަދި ބޮޑުފޮޅުދޫއަށެވެ.
މި ދަތުރުފުޅަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި އަތޮޅުތަކާއި ރަށްރަށާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ އިސް މުއައްސަސާތަކުގެ ވެރިން ބައިވެރިވެވަޑައިގަންނަވައެވެ.



