އަތޮޅު ކައުންސިލްތައް އުވާލުމަށްޓަކައި ޤާނޫނު އަސާސީ އިސްލާހު ކުރުމަށް ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އއ. މަތިވެރީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އަތޮޅު ކައުންސިލަކީ އެއްވެސް ބޭނުމެއް އޮތް އެއްޗެއް ނޫން ކަން ކޮންމެ ރަށެއްގެ ރަށު ކައުންސިލް މިކަމަށް ހެކިވާނެ ކަމަށެވެ.
އެގޮތުން އަތޮޅު ކައުންސިލްތައް އުވާލުމަށް ގާނޫނު އަސާސީ އިސްލާހުކުރާނެ ކަމަށާއި މަޖިލީހުގެ ޖަލްސާތައް ދެން ފެށުމުން އެކަމާ ގުޅޭ ބިލު ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
”ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ރައްޔިތުން ވޯޓުލާން ދާއިރު، އަތޮޅު ކައުންސިލެއް ހޮވަން ވޯޓެއްލާކަށް ނުޖެހޭނެ.“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އަތޮޅު ކައުންސިލްތައް އުވާލުމުން ރައްޔިތުން އިތުރަށް ބާރުވެރިވާނެ ކަމަށާއި، އެގޮތުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ސީދާ މަސައްކަތް ކުރާނީ ކޮންމެ ރަށެއްގެ ރަށު ކައުންސިލުން ކަމަށެވެ.
މި ސަރުކާރުން މަސައްކަތް ކުރާނީ ރައްޔިތުންގެ ފަޅީގައި ތިބެގެން، ރައްޔިތުން ބާރުވެރިކުރުވުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.
އަތޮޅު ކައުންސިލްތައް އުވާލުމުގެ އިތުރުން، ކައުންސިލްތަކުގެ ސައިޒު ކުޑަކުރުމާ ގުޅޭ ބިލުވެސް މަޖިލީހުގެ ކުރިއަށް އޮތް ދައުރަށް ހުށަހަޅުއްވާނެ ކަމަށް ރައީސް ހާމަކުރެއްވިއެވެ.
މިގޮތުން، 2,000 މީހުންނަށްވުރެ މަދު އާބާދީތަކުގައި ތިން ކައުންސިލަރުންނާއި، 2,000 އަށްވުރެ ގިނަ އާބާދީތަކުގައި 5 ކައުންސިލަރުން ތިބޭގޮތަށް ހަމަޖެއްސުމަށް ގާނޫނު އަސާސީ އިސްލާހު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިއީ ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ގެންނަ އިސްލާހުތަކެއް ކަމަށެވެ. މިހާރު އޮތް ބަރުހެލި ނިޒާމު، ރައްޔިތުން އެންމެ ބޭނުންވާ ގޮތަށް ބައްޓަންކުރުމުގެ މަޤްޞަދުގައި މި އިސްލާހުތައް ގެނައުމަށް ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.



