ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް ވުރެ މަޖިލިސް މެމްބަރުން ނިކަމެތިކޮށްލި ވެރިއެއް ނެތް ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ފުރަތަމަ ފަހަރަށް ޕީއެންއެފްގެ އޮފީހުން ބޭރުގައި މާލޭގައި ރޭ ބޭއްވި ”ވޭކްއަޕް“ ޖަލްސާގައި ޔާމީން ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވަމުން ފަލާހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޔާމީންގެ ވެރިކަމުގައި 18 ވަނަ މަޖިލީހުގެ 12 މެމްބަރުން ތިން އަހަރު ވަންދެން މަގުމަތީގައި ގަނަތެޅުވި ކަމަށެވެ.
ޔާމީންގެ ވެރިކަމުގައި އެންޓި ޑިފެކްޝަން ގާނޫނެއް ހަދައި، ޕީޕީއެމުން ވަކިވި 12 މެމްބަރުންގެ ގޮނޑި ގެއްލުނެވެ. މީގެ ތެރޭގައި އަމިއްލައަށް އެދިގެން ޕީޕީއެމުން ވަކިވި ނުވަ މެމްބަރުންނާއި ޕާޓީގެ ސުލޫކީ ކޮމިޓީން ފިޔަވަޅު އަޅައި ވަކިކުރި ތިން މެމްބަރުން ހިމެނެ އެވެ.
ރޭގެ ޖަލްސާގައި ޔާމީން ވިދާޅުވީ، ޕީއެންސީގެ މެމްބަރުންނަކީ ކުކުޅު ކޮއްޓަށް އަޅާ ކާނާއާ އެއްވަރުގެ ބައެއް ކަމަށާއި، އެ މެމްބަރުން އިންސާނީ ކަރާމާތް ޑީގްރޭޑްކޮށްލާ ކަމަށެވެ. އަދި އެ މެމްބަރުން ތިބީ ނަފުސާއި ރައްޔިތުން ވިއްކާލައިގެން ކަމަށް ތުހުމަތުކުރެއްވި އެވެ.
މި ވާހަކަތަކަށް ރައްދު ދެއްވަމުން ފަލާހު ވިދާޅުވީ ޔާމީންގެ ވެރިކަމުގައި ދައުލަތުން ވަގަށް ނެގި ސަތޭކަ މިލިއަން ރުފިޔާއަކީ ހަލާލު ފައިސާއަށް ނުހެދޭނެ ކަމަށެވެ. އަދި ރޭގެ ޖަލްސާއަށް 200 މީހުން ގެންދިޔައީ ބޮލަކަށް 1,200 ރުފިޔާ ދީގެން ކަމަށާއި، އޭގެ ތެރެއިން ދެބައިކުޅަ އެއްބައި އަކީ ބިދޭސީން ކަމަށް ތުހުމަތުކުރެއްވި އެވެ.
ފަލާހު އިތުރަށް ފާހަގަކުރެއްވި ގޮތުގައި މިހާރުގެ ރައީސް މުއިއްޒުގެ ވެރިކަމުގައި މަޖިލިސް މެމްބަރުންނަށް ފުރިހަމަ މިނިވަންކަމާއެކު މަސައްކަތްކުރުމުގެ އިޚްތިޔާރު ލިބިދީފައިވެ އެވެ.
އަދި 20 ވަނަ މަޖިލީހުން ފާސްކުރާ އަދި އިސްލާހުކުރާ އެއްވެސް ގާނޫނެއް ގޯސްވެގެން ކުރިއަށް އޮތް އެއްވެސް މަޖިލީހަކުން ބަދަލުކުރަން ނުޖެހޭނެ ކަމުގެ ޔަގީންކަން ފަލާހު ދެއްވިއެވެ.



