އުރީދޫ މޯލްޑިވްސްގެ މަސް ރޭސް ކ. ހުރާގައި 19 ޓީމުގެ ބައިވެރިވުމާއެކު މިއަދު ފަށައިފިއެވެ.
މިއީ މިއަހަރު އުރީދޫއިން ރާވާފައިވާ ދެ ރަށެއްގައި ބޭއްވުމަށް ހަމަޖެހިފައިވާ މަސް ރޭހުގެ ފުރަތަމަ ބުރެވެ.
އުރީދޫއިން މައުލޫމާތު ދިން ގޮތުގައި މި މުބާރާތުގައި ޖުމްލަ 80،000 ރުފިޔާގެ ފައިސާގެ އިނާމު ހިމެނެއެވެ. މީގެ ތެރޭގައި ޗެމްޕިއަން ޓީމަށް 25،000 ރުފިޔާ، ދެވަނައަށް 10،000 ރުފިޔާ އަދި ތިންވަނައަށް 5،000 ރުފިޔާ ހިމެނެއެވެ. އަދި މީގެ އިތުރުން އެންމެ މޮޅު އަންހެން އަދި ފިރިހެން މަސްވެރިޔާއަށްވެސް ވަކި އިނާމުތަކެއް ކަނޑައަޅާފައިވެއެވެ.
މި މުބާރާތުގެ ދެވަނަ ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ ށ. ފުނަދޫގައި އޮގަސްޓް 29 ވަނަ ދުވަހުއެވެ. މި މުބާރާތަކީ ފިޝަރީޒް މިނިސްޓްރީއާ ގުޅިގެން އުރީދޫއިން ކުރިއަށް ގެންދާ މުބާރާތެކެވެ.
އުރީދޫއިން ބުނީ، މި މަސް ރޭހަކީ ހަމައެކަނި މުބާރާތެއްގެ ގޮތުގައި ބާއްވާ މަސް ރޭހެއް ނޫން ކަމަށާއި، މަސްވެރިކަމުގެ އުފާވެރިކަމާއި އެއްބައިވަންތަކަމުގެ ރޫހު އާލާކުރުމަށް ބާއްވާ ހަރަކާތެއް ކަމަށެވެ.
އުރީދޫއިން އިތުރަށް ބުނިގޮތުގައި، މިއަހަރުގެ މަސް ރޭހުގައި ކޮންމެ ސަރަހައްދަކުން ވެސް އެންމެ ގިނަވެގެން 16 ޓީމަށް ވާދަކުރުމުގެ ފުރުސަތު ދެވޭނެއެވެ.



