އިންޑިއާގެ މަޝްހޫރު ބަތަލާ އާލިއާ ބަޓް މިވަގުތު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.
ރަންބީރް ކަޕޫރްގެ އަންހެނުން އާލިއާ ރާއްޖެ އައީ އޭނާގެ މަންމަ ސޯނީ ރާޒްދާން އަދި ދައްތަ ޝަހީން ބަޓާ އެކުގައެވެ. މި ދަތުރުގައި ޝަހީންގެ ލޯބިވެރިޔާ، ފިޓްނެސް ކޯޗު އިޝާން މެހެރާ ވެސް ބައިވެރިވެއެވެ.
އާލިއާގެ މި ޗުއްޓީ ދަތުރުގައި އޭނާގެ ފިރިމީހާ ރަންބީރް ކަޕޫރާއި ދަރިފުޅު ރާހާ ކަޕޫރް ބައިވެރިވާކަން އަދި ކަށަވަރެއް ނުވެއެވެ. ދަތުރުގެ ބައެއް ފޮޓޯތަކާއި ވީޑިއޯތައް ޝަހީންގެ އިންސްޓަގްރާމް އެކައުންޓުގައި ޙިއްސާކޮށްފައިވީ ނަމަވެސް، މިވަގުތު ހުރީ ރާއްޖޭގެ ކޮން ރިސޯޓެއްގައިކަން އަދި އެނގިފައެއް ނުވެއެވެ.
އާލިއާ އާއި ޝަހީން އަކީ ”އާޝިގީ“ އަދި ”ދިލް ހޭ ކީ މާންތާ ނެހީ“ ފަދަ ކާމިޔާބު ގިނަ ފިލްމުތަކެއް ހަދާފައިވާ މަޝްހޫރު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު މަހޭޝް ބަޓާއި ސޯނީގެ ދެ ދަރިންނެވެ. އަދި ކުރީގެ މަޝްހޫރު ބަތަލާ ޕޫޖާ ބަޓަކީ އާލިއާގެ އެއްބަފާ ދައްތައެކެވެ.
އާލިއާ މިހާރު އަންނަނީ ދެ ފިލްމެއްގައި މަސައްކަތް ކުރަމުންނެވެ. އެއީ މި އަހަރުގެ ޑިސެންބަރު މަހު ޔާޝްރާޖް ފިލްމްސްއިން ގެނެސްދޭން ހަމަޖެހިފައިވާ ”އަލްފާ” އަދި އަންނަ އަހަރު ރިލީޒްކުރަން ހަމަޖެހިފައިވާ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ”ލަވް އެންޑް ވޯ“ އެވެ.
2022 ވަނަ އަހަރުގެ ”ގަންގޫބާއީ ކަތިއަވާޅީ“ އިން ނެޝަނަލް އެވޯޑް ހާސިލުކުރެއްވި އާލިއާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ރިލީޒްކުރި ”ޖިގްރާ“ އެވެ.
އަދި މި މަހުގެ 29 ވަނަ ދުވަހު އޭނާގެ މަންމަ ސޯނީގެ ”ސޯންގްސް އޮފް ޕެރަޑައިސް“ އެމެޒޯން ޕްރައިމް ވީޑިއޯއިން ޕްރިމިއާކުރުމަށް ވަނީ ހަމަޖެހިފައެވެ.



