ހުޅުމާލޭގައި ހިންގާ 50 މެގަވޮޓުގެ އިންޖީނުގެ މުހިންމު މަސައްކަތެއް ކުރާތީ މާދަމާ ހެނދުނު މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑޭނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން މިރޭ ނެރުނު ނޫސްބަޔާނުގައި ބުނިގޮތުގައި، މާލެ ސަރަހައްދުގެ ރައްޔިތުންނަށް ދެމުންދާ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، މެދުކެނޑުމެއް ނެތި އެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ހުޅުމާލޭގެ 50 މެގަވޮޓްގެ އިންޖީނުގެ މޭޖަރ މަސައްކަތެއް ކުރުމަށް މާދަމާ ހެނދުނު 6:00 އިން 10:00 އަށް އެ އިންޖީނުގެ ނިއްވާލަން ވަނީ ނިންމާފައެވެ.
”މި މަސައްކަތް ކުރިއަށްދާ ވަގުތު މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން، ކޮންމެ ސަރަހައްދަކުން ގާތްގަނޑަކަށް އެއްގަޑިއިރަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑޭނެ.“ ސްޓެލްކޯއިން ބުންޏެވެ.
ނަމަވެސް، ކަރަންޓު ކަނޑާލާ ހާލަތުގައި ވެސް ހޮސްޕިޓަލްތަކާއި އަދި އެހެނިހެން މުހިންމު ޚިދުމަތްތައް ދޭ މުއައްސަސާތައް ނުވަތަ ”ކްރިޓިކަލް އިންފްރާސްޓްރަކްޗަރ“ އަށް އޭގެ އަސަރެއް ނުކުރާނެ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.
އަދި ކަރަންޓު މެދުކެނޑޭނެ ވަގުތުތަކާއި ސަރަހައްދުތައް އެސްއެމްއެސް މެދުވެރިކޮށް ކަސްޓަމަރުންނަށް ދުރާލާ އަންގަމުންދާނެ ކަމަށްވެސް ބުނެފައިވެއެވެ.
ސްޓެލްކޯއިން ބުނީ، މިއީ ކުރިއަށް އޮތްތަނުގައި ކަރަންޓުގެ ޚިދުމަތް ދިނުމުގައި ދިމާވެދާނެ މައްސަލަތަކަށް ދުރާލާ ތައްޔާރުވެ، މައްސަލަތައް ހުއްޓުވުމުގެ ގޮތުން ނުވަތަ ޕްރިވެންޓިވް މެޝަރއެއްގެ ގޮތުގައި ކުރަންޖެހޭ މުހިންމު މަސައްކަތެއް ކަމަށެވެ.
އަދި މި މަސައްކަތް ތާވަލު ކުރެވިފައިވާ ގަޑީގެ ކުރިން ނިންމައި، ވީ އެންމެ އަވަހަކަށް އާންމު ހާލަތަށް ކަރަންޓުގެ ޚިދުމަތް ގެނައުމަށް މަސައްކަތް ކުރާނެ ކަމަށްވެސް ސްޓެލްކޯއިން ބުނެފައިވެއެވެ.



