ސްރީލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރަމަސިންހައާ ބަންދުގައި ބަހައްޓަން ފޯޓް މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފިއެވެ.
މިއަދު ކޯޓަށް ހާޒިރު ކުރުމުން އެ ކޯޓުން ވަނީ ރަނިލް މިމަހުގެ 26 ވަނަ ދުވަހާ ހަމައަށް ބަންދު ކުރަން އަމުރުކޮށްފައެވެ.
ރަނިލް ހައްޔަރުކޮށްފައިވަނީ ރައީސް މަޤާމުގައި ހުންނެވިއިރު، 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އިނގިރޭސި ވިލާތުގެ ޔުނިވަރސިޓީއެއްގައި އަނބިކަނބަލުންނަށް ޚާއްސަ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަތުމަށް ދައުލަތުގެ ޚަރަދުގައި ލަންޑަނަށް ކުރެއްވި ދަތުރާ ގުޅިގެން، ސަރުކާރުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރެއްވި ކަމުގެ ތުހުމަތުގައެވެ.
ލަންކާގެ މީޑިއާތަކުން ދައްކާ ގޮތުގައި މި ދަތުރަކީ ރަސްމީ ހައިސިއްޔަތުން ކުރެއްވި ދަތުރެއް ނޫނެވެ. އެހެންނަމަވެސް، މި ދަތުރުގައި ސަރުކާރުގެ ވަސީލަތްތަކުން ޚަރަދުކޮށްފައިވާކަން ތަޙްޤީޤީ އިދާރާތަކުން ފާހަގަކޮށްފައިވެއެވެ.
މި ދަތުރުގައި ވަފުދެއް ރަނިލް އާއި އެކު ބައިވެރިވެވަޑައިގެންނެވި އިރު، ލަންކާ ސަރުކާރުގެ ފައިސާގެ ތެރެއިން ގާތްގަނޑަކަށް 16.9 މިލިއަން ރުޕީސް މި ދަތުރުގައި ބޭނުންކޮށްފައިވާ ކަމަށްވެސް މީޑިއާތަކުން ބުނެއެވެ.



