ޗައިނާގެ ޓިއަންޖިންގައި އަންނަ އޮކްޓޫބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ 22 ވަނަ ޗައިނާ އިންޓަނޭޝަނަލް އެގްރިކަލްޗަރަލް ޓްރޭޑް ފެއަރގައި ދިވެހި އުފެއްދުންތައް ބައިވެރިކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީން މަޢުލޫމާތު ދިން ގޮތުގައި، މި ފެއަރ އޮންނާނީ އޮކްޓޫބަރު 17 އިން 19 އަށެވެ. މި ފުރުޞަތަކީ ރާއްޖޭގެ ދަނޑުވެރިކަމުގެ އުފެއްދުންތަކާއި މަހުގެ އުފެއްދުންތައް އިޝްތިހާރުކޮށް މާރކެޓް ކުރުމަށް ލިބޭ އަގުހުރި ފުރުޞަތެއް ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
ފެއަރގައި ބައިވެރިވާ ދިވެހި ވިޔަފާރިތަކުގެ ތެރެއިން އެންމެ ފުރަތަމަ ރަޖިސްޓްރީ ކުރައްވާ 8 ފަރާތަކަށް ޚާއްޞަ އިނާޔަތްތަކެއް ލިބިގެންދާނެއެވެ. މިގޮތުން، އެ ފަރާތްތަކުގެ ބޫތު ފީ އާއި ބޫތުގެ ކޮންސްޓްރަކްޝަން ޚަރަދުތައް ޗައިނާގެ މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް ރޫރަލް އެފެއާޒުން ހިލޭ ފޯރުކޮށްދޭނެއެވެ.
މި ފެއަރގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އޮގަސްޓު 28 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން international@trade.gov.mv އަށް އެޕްލިކޭޝަން ފޯމު ހުށަހެޅުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.
ޗައިނާ އިންޓަނޭޝަނަލް އެގްރިކަލްޗަރަލް ޓްރޭޑް ފެއަރ އަކީ ދުނިޔޭގެ އެކި ޤައުމުތަކުގެ ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާގެ އިތުރުން، އިމްޕޯޓާއި ހޯލްސޭލްގެ ދާއިރާގެ ވިޔަފާރިތައް އެއްތަނަކަށް ޖަމާވާ މުހިންމު ފެއަރއެކެވެ.
މި ފެއަރގައި ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމަށާއި އައު ފުރުޞަތުތައް ހޯދުމަށް އަމާޒުކޮށްގެން ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.




