މިދިޔަ ޖުލައި މަހު މާލޭ ފެމިލީ ކޯޓުގައި 239 ކައިވެނި ކުރިއިރު، 147 ވަރި ކޮށްފައިވާކަން އެ ކޯޓުން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފެމިލީ ކޯޓުގެ ތަފާސްހިސާބުތަކުން ދައްކާގޮތުން، ޖުލައި މަހު ވަރިއާ ގުޅޭ 194 މައްސަލައެއް ކޯޓަށް ހުށަހެޅިފައިވެއެވެ. މީގެ ތެރެއިން 182 މައްސަލައެއް ނިންމާފައިވާއިރު، 147 ވަރި ކޮށްދީފައިވެއެވެ.
އަދި މަސް ނިމުނުއިރު ވަރިއާ ގުޅޭ 163 މައްސަލައެއް ނުނިމި އޮތްކަމަށް ކޯޓުން ހާމަކޮށްފައިވެއެވެ.
ވަރީގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ހުށަހެޅިފައިވަނީ ވަރިވުމަށް އެދިގެންނެވެ. މިގޮތުން ވަރިވުމަށް އެދި 82 މައްސަލަ ހުށަހެޅިފައިވާއިރު، ވަރިކުރުމަށް 35 މައްސަލަ އަދި ވަރި ސާބިތު ކުރުމަށް 75 މައްސަލަ ހުށަހެޅިފައިވެއެވެ. މީގެއިތުރުން ވަރިއާ މެދު ޝައްކުވެގެން ދެ މައްސަލައެއް ވެސް ވަނީ ހުށަހެޅިފައެވެ.
ކުޑަކުދިންނާ ގުޅޭ މައްސަލަތަކަށް ބަލާއިރު، ޖުލައި މަހު ހަޟާނާތުގެ ދެ މައްސަލައެއް ހުށަހެޅިފައިވެއެވެ. އަދި ކުޑަކުދިންނާ ގުޅޭ 14 މައްސަލައެއް ނިންމާފައިވާއިރު، 35 މައްސަލައެއް ނުނިމި އޮތްކަމަށް ކޯޓުން ހާމަކޮށްފައިވެއެވެ.
އަދި ކުއްޖާ އިޚްތިޔާރުކުރާ ފަރާތެއް ކަނޑައެޅުމުގެ ހަތަރު މައްސަލައެއް ހުށަހެޅި، އެ ހަތަރު މައްސަލަވެސް ވަނީ ނިންމާފައެވެ.
މީގެއިތުރުން، ދަރިން ނުދެއްކުމުގެ ތިން މައްސަލައެއް ޖުލައި މަހު ހުށަހެޅި، އެ ތިން މައްސަލަވެސް ވަނީ ނިންމާފައެވެ.
އެ ބާވަތުގެ 10 މައްސަލައެއް ކޯޓުގައި ހިނގަމުންދާއިރު، ނިމިދިޔަ މަހުގެ 10 މައްސަލައެއް ކޯޓުގައި ހިނގަމުންދާކަމަށް ފެމިލީ ކޯޓުން ވަނީ ހާމަކޮށްފައެވެ.



