ސްރީ ލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރަމަސިންހަ ބަންދުގައި ހުންނަވަނިކޮށް ޙާލު ދެރަވުމާ ގުޅިގެން އައިސީޔޫގައި އެނދުމަތިކޮށް ފަރުވާދޭން ފަށައިފިއެވެ.
ކޮލޮމްބޯ ނޭޝަނަލް ހޮސްޕިޓަލްގެ ޑެޕިއުޓީ ޑިރެކްޓަރު، ޑރ. ރުކްޝާން ބެލާނާ ބުނިގޮތުގައި، ވިކްރަމަސިންހަގެ ޙާލަތު ހުރި ގޮތުން އެމަޖެންސީ ޑިޕާޓުމަންޓުގައި ފަރުވާ ދިނުމުގެ ބަދަލުގައި އައިސީޔޫގައި ފަރުވާ ދިނުމަށް ޑޮކްޓަރުން ލަފާދީފައިވާ ކަމަށެވެ.
އޭނާއަށް ފަރުވާދޭން ފެށީ ޖަލުގައި ހުންނަ ހޮސްޕިޓަލުގައި އެނދުމަތިކުރުމަށްފަހު، އެތަނުގައި ނުދެވޭ ޚާއްޞަ ފަރުވާއެއް ދޭންޖެހޭ ކަމަށް ޑޮކްޓަރުން ނިންމުމާއި ގުޅިގެންނެވެ.
ވިކްރަމަސިންހަ ހައްޔަރުކޮށްފައިވަނީ އޮގަސްޓު 22 ވަނަ ދުވަހު، ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ތުހުމަތުގައެވެ. ކޯޓުން ވަނީ އޮގަސްޓު 26 ވަނަ ދުވަހާ ހަމައަށް އޭނާ ޖަލުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
ސީއައިޑީގެ ތަޙުޤީޤަށް ހާމަވެފައިވާ ގޮތުގައި، ވިކްރަމަސިންހަ ލަންޑަނަށް ކުރި ދަތުރަކީ އޭނާގެ އަންހެނުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ބައިވެރިވާން ކުރި ދަތުރެކެވެ. މިދަތުރަށް 16.9 މިލިޔަން ސްރީ ލަންކަން ރުޕީސް(ގާތްގަނޑަކަށް 58,176 އެމެރިކާ ޑޮލަރު) ދައުލަތުގެ ފައިސާއިން ހަރަދުކުރި ކަމަށް ތުހުމަތުކުރެވެއެވެ.
2023 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ކުރި މިދަތުރުގައި އިތުރު 10 މީހުން ބައިވެރިވި ކަމަށާއި، މިއީ ކިއުބާއާއި އެމެރިކާއަށް ކުރަމުން ގެންދިޔަ ދަތުރުގެ މެދުތެރެއިން ކުރި ދަތުރެއް ކަމަށް ސީއައިޑީގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.




