ހިރިމަރަދޫގެ ރައްޔިތުން އެންމެ މަދުވެގެން 18 މަސްދުވަހުގެތެރޭގައި ހަނިމާދޫއަށް ބަދަލުކޮށްދޭނެ ކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ތިލަދުންމަތީ ދެކުނުބުރީގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ފުރަތަމަ މަންޒިލް ކަމުގައިވާ ހިރިމަރަދޫގައި ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު ރައީސް ވިދާޅުވީ، ހިރިމަރަދޫގެ ކޮންމެ ގެއަކަށް ހަނިމާދޫން ގެއެއް ދޭނެ ކަމަށެވެ.
ރައީސް ވިދާޅުވީ، ސަރުކާރުން ބޭނުންވަނީ ހިރިމަރަދޫގެ ރައްޔިތުންނަށް މުސްތަގްބަލު އުޖާލާކޮށްދީ، ހުރިހާ ރައްޔިތުންނަށް މަތީ ފަންތީގެ ޚިދުމަތް ހޯދައިދިނުމަށް ކަމަށެވެ.
589 މީހުންގެ އާބާދީއެއް އޮތް ހިރިމަރަދޫގައި މިހާރު ދިރިއުޅެނީ ގާތްގަނޑަކަށް 200 އެއްހާ މީހުންނެވެ. އެކި ސަބަބުތަކާ ގުޅިގެން ގިނަ ރައްޔިތުން އެހެން ރަށްރަށަށް ހިޖުރަކޮށްފައިވާއިރު، ރަށުގައި ޒުވާން އާބާދީއަށްވުރެ ދޮށީ ޢުމުރުގެ އާބާދީ ވަނީ އިތުރުވެފައެވެ.
”އަމިއްލަ ގޯތީގައި ގެދޮރެއް ނެތަސް އަޅުގަނޑުމެން ގޯތި ދޭއިރު އެއިން ކޮންމެ ގޯއްޗެއްގައި ގެއެއް އަޅައިދޭނަން، ކުރިން ދޭ ފައިސާގެ ޢަދަދު އަޅުގަނޑުމެން މުޠާލިޔާކޮށް ބޮޑުކުރާނަން. މިއީ ރަށުގެ ރައްޔިތުންގެ މުސްތަޤްބަލު އުޖާލާކުރުމަށް ކުރެވޭ މަސައްކަތެއް.“ ރައީސް ވިދާޅުވިއެވެ.
މިސަރުކާރުގެ އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގެ ފުރަތަމަ މަޝްރޫޢު ފެށެނީ ހިރިމަރަދޫން ކަމަށާއި، އިތުރު ތިން ރަށެއްގެ ރައްޔިތުންވެސް ހިޖުރަކުރަން އެދިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
އަދި މި މަޝްރޫޢު ކުރިއަށްގެންދާނީ ހިރިމަރަދޫ ރައްޔިތުންނަށް އެމީހުންގެ އުފަން ރަށުން ސަރުކާރަށް ލިބޭ އިޤްތިޞާދީ މަންފާއިން އެ ރައްޔިތުންނަށް ފައިދާވާނެ ގޮތަށްކަން ރައީސް ހާމަކުރެއްވިއެވެ.



