ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ތިލަދުންމަތީ ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ފިނޭއަށް ވަޑައިގެންފިއެވެ.
ރައީސް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށް ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ގިނަ އަދަދެއްގެ ރައްޔިތުން ބަނދަރު ސަރަހައްދަށް ޖަމާވެފައިވެއެވެ.
ހދ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ޒިޔާރަތުގެ ތެރެއިން ފިނޭއަކީ އެމަނިކުފާނު ވަޑައިގެންނެވި ދެވަނަ ރަށެވެ. މި ދަތުރުފުޅުގައި ރައީސް ފިނޭގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައި، ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުންގެ އެދުންތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާނެއެވެ.
ރައީސްގެ މި ދަތުރުފުޅުގައި ބީއެމްއެލްގެ އޭޓީއެމް ހުޅުވުމުގެ ރަސްމިއްޔާތުގެ އިތުރުން، ފުލުހުންގެ މަރުކަޒާއި ފިޓްނެސް އެންޑް ރެކްރިއޭޝަނަލް ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައިވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.
ރައީސްގެ 4 ދުވަހުގެ މި ދަތުރުފުޅުގައި ހދ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުފުޅަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން ކުރައްވާ ދަތުރުފުޅެކެވެ.
ރައީސްގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ މުއައްސަސާތަކުގެ އިސްވެރިން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.



