އިޒްރޭލުން ޔަމަންގެ ވެރިރަށް ސަންއާ އަށް އަނެއްކާވެސް ހަމަލާދީފި އެވެ.
މި ހަމަލާތަކުގައި މިހާތަނަށް މަދުވެގެން ދެ މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
ހަމަލާތަކުގެ ތެރޭގައި ސަންއާގެ މެދުތެރޭގައި ހުންނަ މުނިސިޕަލިޓީ އިމާރާތަކަށް ވެސް ހަމަލާދީފައިވާ ކަމަށް ހޫތީންނާ ގުޅުން އޮންނަ މީޑިއާތަކުން ވަނީ ހާމަކޮށްފަ އެވެ.
”އިޒްރޭލުގެ އުދުވާންތައް، ސިއްތީން މަގުގައި ހުންނަ ތެޔޮ ކުންފުންޏެއްގެ ސްޓޭޝަނަކަށް އަމާޒުކޮށްފައި ވާއިރު އިތުރު އެތައް ހަމަލާތަކެއް ވެސް ވަނީ ދީފައި. އާދީއްތަ ދުވަހު ދިން ހަމަލާތައް، ވެރިރަށުގެ ދެކުނުގައި ހުންނަ އިންޖީނުގެއަކަށް ވެސް އަމާޒުކޮށްފައިވޭ.“ ހޫތީންގެ އަލް މަސީރާ ޓީވީން ބުންޏެވެ.
އިޒްރޭލުން މި ހަމަލާތައް ދިންކަން ކަށަވަރުކޮށްދީފައިވާއިރު، މިއީ ހޫތީން އިޒްރޭލަށް ދޭ މިސައިލް ހަމަލާތަކުގެ ރައްދުގައި ދިން ހަމަލާތަކެއް ކަމަށް އެ ގައުމުން ބުނެފައިވެ އެވެ. މީގެ ކުރިން ވެސް އިޒްރޭލުން ވަނީ އެތައް ފަހަރަކު ޔަމަނަށް ހަމަލާދީފައެވެ. އެއީ އިޒްރޭލަށް ހަމަލާ ދިނުމުގެ ގާބިލްކަން ނައްތާލުމުގެ ނަމުގައި ދޭ ހަމަލާތަކެއް ނަމަވެސް ހޫތީންގެ ހަމަލާތަކަށް މެދުކެނޑުމެއް އައިސްފައެއް ނުވެ އެވެ.
އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ހަމަލާދޭން ފެށި ފަހުން ހޫތީން އެކި ފަހަރުމަތިން ވަނީ އިޒްރޭލަށް އަމާޒުކޮށް މިސައިލާއި ޑްރޯނުން ހަމަލާދޭން މަސައްކަތްކޮށްފައެވެ. މީގެ ތެރެއިން ބައެއް ހަމަލާތައް ވަނީ ކާމިޔާބުވެފައެވެ.
މީގެ އިތުރުން ރަތް ކަނޑުގައި ދަތުރުކުރާ އިޒްރޭލާއި އިޒްރޭލަށް ތާއީދުކުރާ ފަރާތްތަކުގެ އުޅަނދުތަކަށް ވެސް ހޫތީން ދަނީ ހަމަލާދެމުންނެވެ.



