ހދ. ނެއްލައިދޫގައި އަލަށް އަޅާ ސިއްޙީ މަރުކަޒުގެ ބިންގާ މިއަދު އަޅައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހދ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މި މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ހެލްތް މިނިސްޓަރު ޢަބްދުﷲ ނާޡިމް އިބްރާހީމް އާއި އެމްޓީސީސީގެ ސީއީއޯ އަޙްމަދު ސަޢުދީއެވެ.
11 މިލިއަން އަށްވުރެ ގިނަ ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން އެޅުމަށް ހަމަޖެހިފައިވަނީ ތިން ފަންގިފިލައިގެ ޢިމާރާތެކެވެ. މި ޢިމާރާތުގައި 10 އެނދުގެ ވޯޑަކާއި، ލެބޯޓްރީއާއި، ޕަބްލިކް ހެލްތު ޔުނިޓާއި، އެހެނިހެން މުހިއްމު ޚިދުމަތްތައް ޤާއިމުކުރެވޭނެއެވެ.
ގާތްގަނޑަކަށް 1,400 މީހުންގެ އާބާދީއެއް އޮންނަ ނެއްލައިދޫގައި މިހާރު ދެމުންދާ ސިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ދަށުން ސިއްޙީ މަރުކަޒުގެ ޚިދުމަތް ފުޅާކުރުމަށް ބޭނުންވާ ޖާގަ އިތުރުކުރުމަށް އައު ޢިމާރާތެއް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ.
މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ އަހަރަކާއި ތިން މަސް ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
އަތޮޅުތަކުގެ ސިއްޙީ ނިޒާމު ހަރުދަނާކޮށް، ބޭސްފަރުވާއަށް މާލެއަށް ނުވަތަ ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތައް ނިމުމަކަށް ގެނައުމަކީ މި ސަރުކާރުގެ އަމާޒެކެވެ.
މި އަމާޒަށް ވާސިލުވުމަށްޓަކައި ގިނަ ހޮސްޕިޓަލްތަކާއި ސިއްޙީ މަރުކަޒުތަކުގެ އައު ޢިމާރާތްތައް ތަރައްޤީކުރުމާއި އަޕްގްރޭޑްކުރުމުގެ އެކި މަސައްކަތްތައް އެކި މަރުހަލާގައި ދަނީ ކުރަމުންނެވެ.



