ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލުން ހަމަލާދީ އަނެއްކާވެސް ހަތަރު ނޫސްވެރިޔަކު ޝަހީދުކޮށްލައިފިއެވެ.
މިގޮތުން ޝަހީދުވި ނޫސްވެރިންގެ ތެރޭގައި އަލް ޖަޒީރާގެ ފޮޓޯ ޖާނަލިސްޓް މުހައްމަދު ސަލާމާ އާއި ރޮއިޓާސްގެ ފޮޓޯ ޖާނަލިސްޓް ހުސާމް އަލް މަސްރީ ހިމެނެ އެވެ.
މީގެ އިތުރުން އިންޑިޕެންޑެންޓް އެރަބިކް އަދި އެސޯސިއޭޓެޓް ޕްރެސްގެ އިތުރުން އެހެން ބައެއް މީޑިއާތަކަށް މަސައްކަތްކުރި ޖާނަލިސްޓް މަރިޔަމް އަބޫ ދާގާ އަދި އެންބީސީ ނެޓްވޯކަށް މަސައްކަތްކުރާ މުއާޒް އަބޫ ތާހާ ވެސް ވަނީ މި ހަމަލާގައި ޝަހީދުވެފައެވެ. ޝަހީދުވި ހުރިހާ ނޫސްވެރިންނަކީ ވެސް ފަލަސްތީނު މީހުންނެވެ.
މި މަހުގެ 11 ވަނަ ދުވަހު ވެސް އިޒްރޭލުން ވަނީ އަލް ޖަޒީރާގެ ފަސް މުވައްޒަފުން ޣައްޒާގައި ޝަހީދުކޮށްލާފަ އެވެ. އެ ހަމަލާ އަކީ އަލް ޖަޒީރާގެ މަޝްހޫރު ރިޕޯޓަރު އަނަސް އާލް ޝަރީފަށް އަމާޒުކުރި ހަމަލާއެއް ކަމަށް އިޒްރޭލުން ބުނި އެވެ. އަދި އަނަސް އަކީ ހަމާސްގެ ހަނގުރާމަވެރިއެއް ކަމަށް ވެސް އިޒްރޭލުން ދަޢުވާކުރިއެވެ.
މިއަދު ނިރުބަވެރި އިޒްރޭލުން ދިން ހަމަލާތަކުގައި ޖުމުލަ 14 ފަލަސްތީނު މީހުން ޝަހީދުވެފައިވާ ކަމަށް ވަނީ ރިޕޯޓުކޮށްފައިވާ އިރު، އޭގެ ތެރޭގައި މި ހަތަރު ނޫސްވެރިން ވެސް ހިމެނެއެވެ.
އިޒްރޭލުން މީގެ 22 މަސް ދުވަސް ކުރިން ފެށިގެން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ނޫސްވެރިންނަށް އަމާޒުކޮށް އެތައް ހަމަލާއެއް ދީފައިވާއިރު، މިހާތަނަށް މީޑިއާގެ 200 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.




